Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ޖޯއި އައިލޭންޑް ހުޅުވާނީ ޖުލައިގައި

އަންނަ އަހަރު ރާއްޖޭގައި ހުޅުވަން ހަމަޖެހިފައިވާ ރިސޯޓްތަކުގެ ތެރެއިން ޖޯއި އައިލޭންޑް އަންނަ އަހަރުގެ ޖުލައި މަހު ހުޅުވާ ގޮތަށް ނިންމައިފި އެވެ.

މި ރިސޯޓަކީ މިހާރު ވެސް ރާއްޖޭގައި ލަގްޒަރީ ރިސޯޓްތަކެއް ހިންގަމުން އަންނަ ކުކޫން ކަލެކްޝަންގެ ދަށުން ތަރައްގީ ކުރަމުން އަންނަ ރަށެކެވެ. ޖޯއި އައިލޭންޑަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) އިން ލޯންޗްގައި 40 މިނިޓުން ދެވޭ ހިސާބުގައި ހަދަމުން އަންނަ ރިސޯޓެކެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭނެ ފަސްތަރީގެ މި ރިސޯޓްގައި 150 ކޮޓަރި ހުންނާނެ އެވެ. މީގެ ތެރޭގައި ހިތްގައިމު ޖޯއި ބީޗް ސުއިޓްސް ވެސް ހިމެނޭނެ އެވެ.

ކުކޫން ކަލެކްޝަނުން ބުނި ގޮތުގައި ޖޯއި އައިލޭންޑަކީ ޗުއްޓީ އަށް އެ ރިސޯޓަށްދާ ކުޑަކުދިންނާ ވެސް ވަރަށް ރައްޓެހިކޮށް އަދި ކުޑަކުދިންނަށް ހާއްސަ އެތައް ހިދުމަތްތަކެއް ވެސް ލިބޭ ގޮތަށް ތަރައްގީކުރާ ތަނެކެވެ. އެހެންވެ ޖޯއި އައިލޭންޑަކީ އާއިލާތައް ޗުއްޓީ ހޭދަކުރަން ވަރަށް ހާއްސަ ތަނަކަށް ވާނެ ކަމަށް ކުކޫން ކަލެކްޝަނުން ބުންޏެވެ.

ގިނަ އަދަދެއްގެ ރިސޯޓްއް ހިންގަމުން އަންނަ ރާއްޖެ އަކީ މުޅި ދުނިޔޭގައި ވެސް ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެވެ.