Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ލަންކާ އަށް ހަނޑޫ އެތެރެކުރުން މަނާކޮށްފި

ލަންކާގެ ދަނޑުވެރިޔަކު ހަނޑޫ ދަނޑެއްގައި މަސައްކަތް ކުރަނީ.

ދަނޑުވެރިންގެ މަސައްކަތްތައް ހިތްވަރު ދިނުމުގެ ގޮތުން ސްރީ ލަންކާ އަށް ހަނޑޫ އެތެރެކުރުން މަނާކޮށްފި އެވެ.

އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރަންޖީތު ސިޔަމްބަލަޕިޓިޔާ ވިދާޅުވީ ބާސްމަތީ ހަނޑޫ ފިޔަވައި ހަނޑުގެ އިތުރު އެއްވެސް ބާވަތެއް މި މަހުގެ 9 އިން ފެށިގެން ލަންކާ އަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި މިއީ އެ ގައުމުގައި ހަނޑޫ ހައްދާ ދަނޑުވެރިން އެ މަސައްކަތުގައި ކުރިއަށްދާން ހިތްވަރު ދިނުމާއި ގައުމުގެ އުފެއްދުންތެރިކަން ވެސް އިތުރުކުރަން ބާރު އެޅުުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ ބާސްމަތީ ހަނޑޫ އެތެރެކުރަން މަނާ ނުކުރީ އެ ގައުމަށް ދާ ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި އެ ދާއިރާ އިން ވަރަށް ބޮޑަށް ބާސްމަތީ ހަނޑުލަށް ބަރޯސާވާތީ އެވެ. އެގޮތުން މިހާރު ވެސް ބާސްމަތީގެ ޝިޕްމަންޓެއް ލަންކާ އަށް އައުމުގެ މަގުމަތީގައިވާ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ލަންކާ އަށް ދިމާވި މާލީ އަދި އިގުތިސާދީ ބޮޑުތަދާ ގުޅިގެން ވެސް އެންމެ ބޮޑަށް ސަރުކާރުން ބާރު އެޅި އެއް ކަމަކީ ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރަން ހިތްވަރު ދިނުމެވެ. އެގޮތުން ދަނޑުވެރިންނަށް ގަސްކާނާ އާއި އެ ނޫން ވެސް އެ މަސައްކަތަށް ބޭނުންވާ ތަކެތި އެހެން ގައުމުތަކުން ވެސް އެހީގެ ގޮތުގައި ހޯދި އެވެ.