Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ސުޕަމޭން" ދިނީ ވަރަށް ހިތާމަވެރި ޚަބަރެއް!

ދެހާސް ތޭރައިގެ "މޭން އޮފް ސްޓީލް" ގައި ސުޕަމޭންގެ ރޯލު ކުޅުނު އެކްޓަރު ހެންރީ ކެވިލް އެ ރޯލާ އެކީ އަލުން އެނބުރި އަންނާނެކަން އިއުލާންކޮށްފައި ވަނިކޮށް ފޭނުންނަށް ވަރަށް ހިތާމަވެރި ޚަބަރެއް ދީފި އެވެ.

ސުޕަމޭންފެ ރޯލު އަލުން ކުޅޭނެ ވާހަކަ 39 އަހަރުގެ އިނގިރޭސި އެކްޓަރު އިއުލާންކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އޭގެ ދެ މަހެއްހާ ދުވަސް ފަހުން މިއަދު އާންމުކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ކެވިލް ވަނީ އޭނާ އެ ރޯލުން ނުފެންނާނެ ވާހަކަ ހިއްސާކޮށްފަ އެވެ.

ޑީސީގެ ސުޕަމޭންގެ އާ ފިލްމުން ކެވިލް ނުފެންނާނެ ވާހަކަ ބުނެފައި މި ވަނީ އެ ސްޓޫޑިއޯ މިހާރު ހިންގެވުމާ ހަވާލުވެ ހުރި ޑައިރެކްޓަރު ޖޭމްސް ގަން ސުޕަމޭންގެ އާ ފިލްމު ލިޔާކަންއިއުލާންކޮށް، ކެވިލް ސުޕަމޭންގެ ރޯލުން ނުފެންނާކަން ވެސް ކަށަވަރުކޮށްދީ ޓްވީޓްތަކެއް ކޮށްފައި ވަނިކޮށެވެ.

ގަން ބުނެފައި ވަނީ ޑީސީން އަލަށް ހަދަން ނިންމާފައިވާ ސުޕަމޭންގެ މައިގަނޑު ވާހަކަ ބިނާކުރާނީ ސުޕަމޭންގެ ހަޔާތުގެ ވަރަށް ކުރީކޮޅު ދުވަސްތަކަށް ކަމަށެވެ. އެހެންވެ "މޭން އޮފް ސްޓީލް" ގައި ކެވިލް ކުޅުނު ސުޕަމޭންފެ ރޯލުން އޭނަ ނުފެންނާނެ ކަމަށާއި އާ ޕްރޮޖެކްޓާ ބެހޭ އިތުރު ވާހަކަތަކެއް އާ އަހަރާ އެކީ ހިއްސާކުރާނެ ކަމަށް ބުންޏެވެ.

ގަން ބުނި ގޮތުގައި ސުޕަމޭންގެ ރޯލުން ކެވިލް ދެން ނުފެނުނު ނަމަވެސް ޑީސީ އަކީ އޭނަގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އެހެންވެ ކުރިއަށް އޮތް ތަނުގއި އިތުރު އެހެން ޕްރޮޖެކްޓްތަކެއްގައި އެކީގައި މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކަމަށް "ގާޑިއަން އޮފް ދަ ގެލެކްސީ" ގެ ޑައިރެކްޓަރު ބުންޏެވެ.

ކެވިލްގެ ޕޯސްޓްގައި ވަނީ ޑީސީ އާއި ގަންގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށާއި އަދި ސުޕަމޭންގެ ގޮތުގައި އޭނަ ބަލައިގަތް ފޭނުން ދިން ލޯތްބާއި ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބުނެފަ އެވެ.

ޒެކް ސްނައިޑާ ޑައިރެކްޓްކުރި "މޭން އޮފް ސްޓީލް" އަކީ 258 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 668 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.