Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ފްލައިން ސްކޫލްގެ ދަރިވަރުންނާ ފައިސަލް ބައްދަލުކޮށްފި

އައްޑޫ ގަމުގައި މިހާރު ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ދަރިވަރުންނާ މިއަދު ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފި އެވެ.

އެ މަނިކުފާނު މިއަދު އައްޑު އަށް ފެއްޓެވި ރަސްމީ ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވެސް ފްލައިން ސްކޫލްގެ ދަރިވަރުންނާއި އެތަނުގެ ވެރިންނާއި ގަން އެއާޕޯޓްގެ އިސްވެރިންނާ އެވެ. އެ ބައްދަލުވުން އޮތީ އެއާޕޯޓްގެ ވީއައިޕީ ލައުންޖްގަ އެވެ. ފްލައިން ސްކޫލްގެ ދަރިވަރުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ދަރިވަރުންނަށް ކުރިން ދިމާވި މައްސަލަތަކަށް އަލިއަޅުވާލައްވައި މިހާރު އޮމާންކަމާ އެކީ އާ ފްލައިން ސްކޫލްގެ ކަންކަން ކުރިއަށްދާކަން ފާހަގަކުރައްވައިފަ އެވެ.

އަދި އޭވިއޭޝަން ދާއިރާ ކުރިއަރުވަން ސަރުކާރުން ވަރަށް މަސައްކަތްކުރާ ކަމަށާއި އެގޮތުން އެ ދާއިރާ އަށް ބޭނުންވާ ދިވެހިން ބިނާވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ބައްދަލުވުުގައި އައްޑޫގެ ބައެއް ކައުންސިލަރުން ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ގަމުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ނަމުގައި ފްލައިން ސްކޫލެއް ހިންގަނީ ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިންނެވެ. އެ ފްލައިން ސްކޫލް އުފެއްދީ އެ ކުންފުންޏާއި ގައުމީ ޔުނިވަސިޓީ ގުޅިގެންނެވެ.

ކުރިން ގަމުގައި ފްލައިން ސްކޫލް ހިންގީ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކް (އޭއޭއޭ) އިންނެވެ.