ސިނަމާލެ ބްރިޖުމަތިން ހުއްޓުވި ކާރަކުން ފެނުނު ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ދެމީހުންގެ ބަންދު މުއްދަތު ޖަހައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާ ފުޅި ފެނުމާ ގުޅިގެންނެވެ.
އެމީހުންގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ގެންދިއުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ދީފައެވެ.
މި މައްސަލައިގައި ބަންދު ކޮށްފައިވާ ދެމީހުންނަކީ ވެސް މީގެކުރިްނ ހައްޔަރު އަދި ބަންދު ރެކޯޑް އޮތް ދެމީހުންނެވެ.
އެ ދެމީހުން ކޯޓުގައި ބުނެފައިވަނީ ކާރުގައި ހުރީ ބަނގުރާކަން ނޭންގޭކަމަށާއި، އެތަކެތި ހުރީ ކަޅު ކޮތަޅަކަށް ލާފައި ކަމަށެވެ.
މި އޮޕަރޭޝަންގައި 264 ފުޅި ބަނގުރާ އަތުލާގަނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.