ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.
މި އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 260 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
ތަކެތި ހަދިޔާ ކުރެވުނު ސްކޫލްތަކަކީ، މުލަކު ސްކޫލް މ. މުލައް، މަރަދޫ ސްކޫލް ސ. މަރަދޫ، މާވަށު ސްކޫލް ލ. މާވަށް، ވޭމަންޑޫ ސްކޫލް ތ. ވޭމަންޑޫ، ގއ. އެޑިއުކޭޝަން ސެންޓަރ ގއ. ވިލިގިނލި، ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ތ. ތިމަރަފުށި، ހަނިމާދޫ ސްކޫލް ހދ. ހަނިމާދޫ، ހދ. އަތޮޅު ސްކޫލް ހދ. ވައިކަރަދޫ، ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރ ނ. ވެލިދޫ އަދި ނޮޅިވަރަންފަރު ސްކޫލް ހދ. ނޮޅިވަރަންފަރު އެވެ.
މިވޭތުވެދިޔަ ތިން އަހަރު ތެރޭ ބީއެމްއެލްއިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.