ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ އަމިއްލަ ފިލްމު ކުންފުނި، މަނިކަރްނިކާ ފިލްމްސްގެ ލޯގޯ ދައްކާލައިފި އެވެ.
މި ލޯގޯ އިން ދައްކުވައި ދެނީ މިނިކާވަގެކެވެ.
މަނިކަރްނިކާ ފިލްމްސް އަކީ 2019 ގައި ރިލީޒްކުރި ކަންގަނާގެ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު އޭނަ އުފެއްދި ކުންފުންޏެކެވެ. އެ ފިލްމަކީ ހުނަރުވެރި ބަތަލާ ޑައިރެކްޝަނަށް ވެސް ނުކުމެ، ހަތަރު ވަނަ ނެޝަނަލް އެވޯޑް ވެސް ހޯދި ފިލްމެވެ.
މަނިކަރްނިކާ ފިލްމްސް އަށް މުމްބާއީގައި ބޮޑު އޮފީހެއް ވެސް ހުރެ އެވެ. އެ ސްޓޫޑިއޯ އިން މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ ކަންގަނާ ޑައިރެކްޓްކޮށް، ކުޅޭ "އިމަޖެންސީ" ގެ އިތުރުން ނަވާޒުއްދީން ސިއްދީގީއާ އެކު ގެނެސްދޭން ތައްޔާރުވަމުން އަންނަ "ޓީކޫ ވެޑްޝް ޝޭރޫ" އެވެ.
ކަންގަނާ، 35، އަމިއްލަ ފިލްމު ސްޓޫޑިއޯއެއް ހިންގާ އިރު، އޭނަ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އަގެއް ވެސް ލިބޭ ބަތަލާ އެވެ. މި އަހަރު ރިލީޒްކުރި "ދާކަޅް" އަށް ފަހު ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޭޖާސް"، "އިމަޖެންސީ"، "ޗަންދުރަމުކީ 2"، "ސީތާ" އަދި ޑައިރެކްޓަރު ޕްރަދީޕް ސަރުކާރު ހަދަން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާ ހިމެނެ އެވެ.