Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ސ. ޖުޑީޝަލް މުވައްޒަފުންގެ އަގުވަޒަންކޮށްފި

ސ. ޖުޑިޝަލް ދާއިރާގެ މުވައްޒަފުންގެ އަގުވަޒަން ކުރަން ޑިސެމްބަރު 14، 2022 ވަނަ ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އަހުމަދިިު އާއިޝް ނަސީރު

ސ. ޖުޑީޝަލް ދައިރާގެ މުވައްޒަފުންގެ އަގުވަޒަންކޮށް ގިނަ ދުވަހަށް ޙިދުމަތްކޮށް ދެއްވާފައި މުވައްޒަފުންނަށް ހަނދާނީފިލާ އަރުވައިފި އެވެ.

އައްޑޫ ހައި ސްކޫލުގައި ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ އެވެ. އެ ރަސްމީއްޔާތުގައި ސ. ޖުޑީޝަލް ދައިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެެވި އެވެ.

އެ ރަސްމީއްޔާތުގައި ޖުޑީޝަލް ދައިރާގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ އިތުރުން، މި ދައިރާއަށް ދިގު މުއްދަތަކަށް ޙިދުމަތް ކުރެއްވުމަށް ފަހު ރިޓަޔަކުރއްވި ބޭފުޅަކަށް އަގު ޒަންކޮށް ހަނދާނީ ފިލާއެއްވެސް ވަނީ އަރުވައިފައެވެ. މިގޮތުން 25 އަހަރުގެ ދިގު މުއްދަތެއްގައި އެ ދާއިރާ އަށް ހިދުމަތް ކުރައްވައި ރިޓަޔަކުރެއްވި އިބްރާހިމް ނަސީމަށް ދާއިރާގެ މުވައްޒަފެއްގެ ފަރާތުން ވަނީ އުމްރާ ދަތުރެއް ވެސް ހަދިޔާކޮށްފަ އެވެ.

ސ. ޖުޑީޝަލް ދައިރާގެ ކޯޓުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުގެ ތެރެއިން ތިން ފަންތިއަކުން ގިނަ ދުވަސްވީ ފަރާތްތަކުގެ އަގުވަޒަންކޮށްފައިވެ އެވެ. އެގޮތުން 10 އަހަރަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކުރެއްވި 20 ބޭފުޅަކަށް ހަނދާނީފިލާ އަރުވާފައިވާއިރު، 20 އަހަރަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކުރެއްވި 10 ބޭފުޅަކަށް ވެސް ހަނދާނީފިލާ އަރުވާފައިވެ އެވެ. މީގެ އިތުރުން މި ދައިރާގެ ކޯޓުތަކުގައި 30 އަރަހަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކުރެއްވި ހަ ބޭފުޅެއްގެ ވެސް އަގުވަޒަންކޮށް ހަނދާނީފިލާ ވަނީ އަރުވައިފަ އެވެ.

މިދިޔަ އަހަރު ސ. ޖުޑީޝަލް ދާއިރާގައި ހިމެނޭ ހަ ކޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ އަޙުލާގާއި ގަޑިއަށް ފަރުވާތެރި ވުމަށް ބަލައި، ކޮންމެ ކޯޓަކުން އެންމެ ރަނގަޅު މުވައްޒަފު ވެސް ހޮވާފައިވެ އެވެ.

ރަސްމީއްޔާތު ޝަރަފުވެރި މެހުމާން ރިޒްނާ ވަނީ ދައިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން މުއްވަޒަފުންގެ ތަމްރީނަށް ހާއްސަ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށްދާ އިރު ކުރިއަށް އޮތް އަހަރު މުވަޒަފުންނަށް ބޭނުންވާ ގިނަ ތަމްރީނު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވދާޅުވި އެވެ. އަދި ކޯޓުތަކުގައި މިހާރު ހުރި ދަތިތައް ހައް ކޮށް ދެއްވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސ. ޖުޑީޝަލް ދައިރާގައި ހިމެނެނީ ހަ ކޯޓެކެވެ. އެއީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު، މަރަދޫ މެޖިސްޓްރޭޓް ކޯޓު، މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓު، ފޭދޫ މެޖިސްޓްރޭޓް ކޯޓު، މީދޫ މެޖިސްޓްރޭޓް ކޯޓު އަދި ހުޅުދޫ މެޖިސްޓްރޭޓް ކޯޓެވެ.