Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ހުޅުމާލޭގައި ވީލްޗެއާ ރޭމްޕެއް ހަދަނީ

ފޮޓޯ: އެޗްޑީސީ

ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ވީލްޗެއަރ ރޭމްޕް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުގައި ގާއިމުކުރަމުންދާކަން އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕްތައް ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މި މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ހިޔާ ފުލެޓު ކައިރީ އޮންނަ ބީޗް ސަރަހައްދުގައި ވީލްޗެއަރ ރޭމްޕް ޤާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ގެންދާއިރު މިހާރު މި ރޭމްޕްތަކުގެ ބްލޮކް އެޅުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެގޮތުން މިހާރު ބްލޮކް އެޅުމުގެ 80 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށްވެސް މައުލޫމާތުދެއެވެ.

"މި ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޫދަށް އެރުމާއި ބީޗް ސަރަހައްދު ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއިއެކު މި ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތައްވެސް ވަނީ ގިނަވެފައެވެ. އެހެންކަމުން ހަފްތާ ބަންދު ދުވަސްތަކުގައި މި ސަރަހައްދަށް އާއިލާއާއިއެކު މޫދަށް އަންނަ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް މި ވީލްޗެއަރ ރޭމްޕް ޤާއިމުކުރުމުގެ ސަބަބުން އުނދަގުލެއްނެތި މޫދަށް އެރިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ." އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ ވީލްޗެއަރ ރޭމްޕްގެ އެންމެ ފަހުގެ މަސައްކަތް ކުރިޔަށްދާއިރު މި ރޭމްޕް ޑިސެމްބަރ މަހުގެ ފަހުކޮޅުގައި ބޭނުންކުރެވޭނެކަމަށެވެ.