އަންނަ ހޯމަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގައި ހިމެނޭ، ލާއޯސް، ތުރުކަމަނިސްތާން އަދި ޕިލިޕީންސްގެ ޓީމް މިރޭ އައްޑޫއަށް އައުމަށް ހަމަޖެހިޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 10:00 ޖަހާއިރު ޖައްސާ ޗާޓަރު ފްލައިޓެއްގައި 3 ޓީމްގެ އިތުރުން، ރެފްރީންނާއި އޭއެފްސީގެ އިސްބައެއް އޮފިޝަލުންނާއި މީޑިއާގެ ބައެއް ފަރާތްތައް އައްޑޫއަށް އަންނާނެއެވެ.
ގްރޫޕް ބީގައި ހިމެނޭ އަފްޢާނިސްތާން ޓީމް ވަނީ ރޭ ދަންވަރު އައްޑޫއަށް އައިސް މިއަދު ހެނދުނާއި ހަވީރު މީދޫ ސްޓޭޑިއަމްގައި ފަރިތަ ކުރުން ބާއްވާފައެވެ.
ގްރޫޕް ބީގައި ހިމެނޭ 4 ޓީމާއި ރެފްރީން އަދި އޭއެފްސީގެ އޮފިޝަލުން ތިބެން ހަމަޖެހިފައިވަނީ ހެރެތެރެ ރިސޯޓްގައެވެ. އެބޭފުޅުންގެ އެއްގަމާއި ކަނޑުގެ ދަތުރު ފަތުރުތައް ހަމަޖައްސާފައިވަނީ އެމްއެންޑީއެފްގެ ފަރާތުންނެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރުއެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ތުރުކަމަނިސްތާން އާއި ލާއޯސްއެވެ. ދެވަނަ މެޗްގައި އެރޭ 9 ޖަހާއިރު ބައްދަލު ކުރާނީ އަފްޢާނިސްތާން އާއި ޕިލިޕީންސްއެވެ.