Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އެންމެ ކުރު ފިރިހެނާގެ ރެކޯޑް އާ މީހަކަށް

އިސްކޮޅުން އެންމެ ކުރު ފިރިހެނާގެ ރެކޯޑް އާ މީހަކަށް ލިބިއްޖެ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި އެ ރެކޯޑްގެ ހައްގުވެރިޔަކީ މިހާރު، އިރާނަށް އުފަން 20 އަހަރުގެ އަފްޝީން އިސްމާއީލެވެ. ކުރިން އެންމެ ކުރު ފިރިހެނާގެ ރެކޯޑް އޮތީ ކޮލަމްބިއާގެ 36 އަހަރުގެ އެޑްވަޑް "ނީނޯ" ހެނަންޑޭޒަށެވެ. ނަމަވެސް އޭނަ އަށް ވުރެ އަފްޝީން 7 ސެންޓިމީޓަރު (2.7 އިންޗި) ކުރެވެ. އަފްޝީންގެ އިސްކޮޅަކީ 2 ފޫޓް 1.6 އިންޗި (65.24 ސެންޓިމީޓަރު) އެވެ.

ގިނިސް ވޯލްޑް ރެކޯޑުން ބުނީ އަފްޝީނަށް އެންމެ ކުރި ފިރިހެނާގެ ރެކޯޑް ރަސްމީކޮށް ކަށަވަރުވީ އޭނަ ދުބާއީ އަށް ގެންގޮސް ތިން ފަހަރެއްގެ މަތިން އިސްކޮޅު ބަލައިގެން ކަމަށެވެ. އަދި މި ދަތުރުވީ އަފްޝީނަށް ވަރަށް ހާއްސަ ކަމަށެވެ. ސަބަބަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް، ބުރުޖް ހަލީފާ ވެސް ބަލާލަން ދިއުމުގެ ފުރުސަތު ލިބުމެވެ.

އަފްޝީންގެ ބައްޕަ ބުނި ގޮތުގައި ދަރިފުޅުގެ އިސްކޮޅުގެ ކުރުމަކާ ހެދި ސްކޫލަކަށް ގޮސް ކިޔެވުމުން މަހުރޫމުވި ނަމަވެސް ޖިސްމާނީ ގޮތުން ހުރި އުނިކަން ފިޔަވައި އޭނަގެ އެއްވެސް މައްސަލައެއް ނެތެވެ. ރަސްމީ ތައުލީމުން މަހުރޫމު ވިޔަސް، އަފްޝީނަކި އަމިއްލަ އަށް ލިޔަންކިޔަން ދަސްކޮށްފައިވާ ޒުވާނެކެވެ.

އަފްޝީން ކިޔައިދިން ގޮތުގައި އޭނަ އާންމުކޮށް ކުޅޭ ކަމަކީ ކާޓޫން ބެލުމާއި ސްމާޓްފޯނުން ސޯޝަލް މީޑިއާ އިން ވާނުވާ ބެލުމެވެ. އަދި ފުޓްބޯޅަ އަކީ ވެސް އޭނަ ވަރަށް ލޯބިކުރާ ކުޅިވަރެކެވެ. އެގޮތުން އެންމެ ސަޕޯޓްކުރާ ކުޅުންތެރިންނަކީ ޕޯޗްގަލްގެ ކްރިއަސްޓިއާނޯ ރޮނާލްޑޯ އާއި އިރާންގެ ކުރީގެ ތަރި އަލީ ދާއީ ކަމަށް ބުންޏެވެ.

ދުނިޔޭގެ އެންމެ ކުރު އަންހެނަކީ އިންޑިއާގެ ޖިއޯތީ ކިޝަންޖީ އަމްގީ، 28، އެވެ. އޭނަގެ އިސްކޮޅަކީ 2 ފޫޓް 3.4 އިންޗި (63 ސެންޓިމީޓަރު) އެވެ.