Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އޮލިމްޕަހަށް ފިލްމެއް ގެންނަން މިއޮތީ ތާރީހެއް

މާލޭގެ އޮލިމްޕަސް ސިނަމާގައި ފިލްމެއް ނާޅުވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް އެ ސިނަމާ އަށް ފިލްމެއް ގެންނަން ނިންމައި، ފިލްމު އަޅުވަން ހަަޖެހިފައިވާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

މި ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން ނިންމާފައި އޮތް "ބީވީމާ" އެވެ. އެ ސްޓޫޑިއޯ އިން އެ ފިލްމު އަޅުވަން އިއުލާންކުރި ތާރީހަކީ އަންނަ އަހަރުގެ ފެބްރުއަރީ 6 އެވެ.

އޮލިމްޕަހުގައި ފިލްމެއް އަޅުވަން ތާރީހެއް އިއުލާން މި ކުރީ މާދަމާ އެ ސިނަމާ ހުޅުވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން މިދިޔަ މަހު ވިދާޅުވެފައި ވަނިކޮށެވެ. ރާއްޖޭގެ ފިލްމުތައް އަޅުވާ ރަސްމީ ސިނަމާގެ ގޮތުގައި ފާހަގަކޮށްލެވޭ އޮލިމްޕަހުގައި އެންމެ ފަހުން އެޅުވި ފިލްމަކީ 2020 ގެ މާޗް މަހުގެ ކުރީކޮޅު އެޅުވި އަލީ ސީޒަންގެ "އަނދިރިކަން" އެވެ.

އޭރު ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށުމުން އޮލިމްޕަސް ބަންދުކުރީ އެ ފިލްމުގެ ޝޯތައް ކުރިއަށް ދަނިކޮށެވެ.

ޑާކް ރެއިނުން ފެބްރުއަރީގައި ސިނަމާ އަށް ގެންނަން ނިންމި "ބީވީމާ" އަކީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ އަލަތު ފީޗާ ޑައިރެކްޝަނެވެ. އަދި މި ފިލްމަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ފުރަތަމަ ފިލްމެވެ. "ބީވީމާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) ހިމެނެ އެވެ.

ޑާކް ރެއިނުން އެންމެ ފަހުން އޮލިމްޕަހުގައި އެޅުވީ 2019 ގެ "މާމުއި" އެވެ.

އެ ސްޓޫޑިއޯގެ "ބީވީމާ" އަޅުވަން ތާރީހު އިއުލާންކުރި އިރު، ޑާކް ރެއިންގެ އިތުރު އެހެން ތިން ފިލްމެއް ވެސް އެބައޮތެވެ. އެއީ "ނޮވެމްބާ" އާއި "ހިނދުކޮޅެއް" އަދި "ބަޅިނދު" އެވެ.