ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި މި މައްސަލަތަކަށް ބިނާކޮށް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަޕްލޭން މިއަދު ލޯންޗުކޮށްފި އެވެ.
މޯލްޑިވްސް ލިވިންގ އެކްސްޕޯ 2022 ގައި މިފަހަރު އެޗްޑީސީގެ ފަރާތުން ތިލަފުށީގެ މާސްޓަރޕްލޭން އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
އެޗްޑީސީން ބުނީ ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކާ ތަރައްޤީކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އާއި އެއް ފެންވަރަކަށް ކަމަށެވެ. މިތަނުގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓަރފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިންގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މީގެއިތުރުން، މިކަމަށް ހާއްސަކޮށް ބިން ހިއްކޭ އިރު ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެއް ކަމަށް އެޗްޑީސީން ހާމަކުރެ އެވެ.