Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ތިލަފުއްޓާ އެކު ސިނާޢީ މަސައްކަތުގެ ޙަރަދު ކުޑަވާނެ

ލިވިން އެކްސްޕޯ ތެރެއިން ތިލަފުށި މާސްޓަރ ޕްލޭން ލޯންޗު ކުރުމުގެ ރަސްމީއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެޗްޑީސީ

ތިލަފުށި ތަރައްޤީގެ މާސްޓަރ ޕްލޭންގެ ތެރެއިން ސިނާޢި މަސައްކަތްތަކަށް ވިޔަފާރިތަކުން ކުރަން ޖެހޭ ޙަރަދު ކުޑަވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވީ، މިއަހަރު މޯލްޑިވްސް ލިވިންގް އެކްސްޕޯ ފެށުމުގެ ގޮތުން ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިރަސްމީއްޔާތުގައި ތިލަފުށި މާސްޓަރ ޕްލޭން ވަނީ ލޯންޗުކޮށްފައެވެ. ތިލަފުށި ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭން އިފްތިތާޙްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލްއެވެ.

ތިލަފުށި މާސްޓަރ ޕްލޭން ލޯންޗު ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވަނީ މި މާސްޓަރ ޕްލޭނާއި އެއްގޮތަށް ތިލަފުށި ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ޕްލޭން އެކުލާވާފައިވާނީ ސިނާޢީ ދާއިރާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ. މިގޮތުން މިހާރު މާލޭ ސަރަހައްދުގައި ހުރި ވިޔަފާރިތަކަށް ކުރިމަތިވާ ޖާގައިގެ މައްސަލައާއި، ބިމު ކުލިއަށް ބޮޑު ޙަރަދެއް ކުރަން ޖެހޭ މައްސަލަ ހައްލު ވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މިރަސްމީއްޔާތުގައި އެޗްޑީސީގެ މޭނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ ކުއްޔަކީ ސީދާ ގޮތެއްގައި މުދަލަށް އޭގެ އަސަރު ކުރާ އެއްޗަކުން ވުމުން ކުލި ހިފެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް މިމަސައްކަތުގެ ތެރެއިން ދެވިގެން ދާނެ ކަމަށެވެ. މިގޮތުން ތިލަފުށި މާސްޓަރ ޕްލޭންގެ ދަށުން ބިން ހިއްކައި ކުއްޔަށް ދޫކުރަން ފެށުމުން މާލޭ ސަރަހައްދުގައި ސިނާޢީ މަސައްކަތް އެއްކޮށް ހުއްޓިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ތިލަފުށި ތަރައްޤީކުރާއިރު ސިނާއީ އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް ބިން ގަތުމަށާއި ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލެވިގެންދާނެ ކަމާށް އެޗްޑީސީން ބުނެއެވެ. އަދި ބިމުގެ ބޮޑުމިނުގައި 5000-35000 އާއި ދެމެދުގެ އަކަފޫޓުގެ ޕްލޮޓުތައް ހުންނާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ތިލަފުށީގައި ސިނާޢީ ހަބެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީ ކުރަން ނިންމާފައިވާއިރު ތިލަމާލެ ކަނެކްޓިވިޓީ ބްރިޖަކީވެސް މި މާސްޓަރ ޕްލޭންގް އެއްބައި ކަމަށް ސަރުކާރުން ހާމަކުރެއެވެ. މިއާއެކު މާލޭގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުން ހުރިހާ އިންޑަސްޓްރިއަލް މަސައްކަތެއް އެރަށަށް ބަދަލު ވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ތިލަފުށި ތަރައްޤީކުރާއިރު، ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކާ ތަރައްޤީކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އާއި އެއް ފެންވަރަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން ރަނގަޅު ފެންވަރަށް މަގުތަކާއި އެކި އާންމު އެކި ބޭނުންތަކަށް ތަފާތު ޙިދުމަތް ތަރައްޤީކޮށް މިތަން ތަރައްޤީ ކުރާނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް އެޗްޑީސީން ބުނެއެވެ.

ތިލަފުށި މާސްޓަރޕްލޭން ލޯންޗުކުރެވިގެން ދިޔުމާއިއެކު މާސްޓަރޕްލޭނާއި ގުޅޭ އިތުރު މައުލޫމާތު މޯލްޑިވްސް ލިވިންގް އެކްސްޕޯގެ އެޗްޑީސީ ސްޓޯލުން ލިބިގެން ދާނެއެވެ. މި އެކްސްޕޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 15،16،17 ޑިސެމްބަރ 2022ގެ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.