ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް އިސްތިއުފާ ދީފި އެވެ.
ސަންޓޯސް ،68، އިސްތިއުފާ ދީފައިމިވަނީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މޮރޮކޯ އަތުން 1-0 އިން ބަލިވެ މުބާރާތުން ޕޯޗުގަލް ކެޓުމާ ގުޅިގެން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމުގައި ސަންޓޯސް ވަނީ 8 އަހަރު ހޭދަކޮށްފަ އެވެ. އެ 8 އަހަރުތެރޭ ޕޯޗުގަލް އިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އަދި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ އިދާރާ އިން ވަނީ ސަންޓޯސް 8 އަހަރުތެރޭ ކޮށްދިން މަސައްކަތްތަކަށް ޝުކުރުވެރިވެ އަދި ޕޯޗުގަލްގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އާ ކޯޗެއް ހޯދުމުގެ މަރުހަލާ ފަށާފައިވާ ކަމަށްވެސް އެ އިދާރާ އިން ބުނެ އެވެ.
ޕޯޗުގަލް އަށް ކުރިއަށް ދެން އޮންނާނީ 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން އެވެ.