ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ފްރާންސާއި ދެކޮޅަށް ކުޅުނު މެޗުގައި ދެ ޕެނަލްޓީ ލިބެންޖެހޭ ކަމަށް ބުނެ މޮރޮކޯ އިން ފީފާގައި މައްސަލަ ޖައްސައިފި އެވެ.
ސެމީފައިނަލްގައި ފްރާންސް އަތުން 2-0 އިން މޮރޮކޯ ބަލިވިއިރު އެ މެޗުގައި ފްރާންސްގެ ދެ ގޯލް ކާމިޔާބުކޮށްދިނީ ތިއޯ ހަނާންޑޭޒް އާއި ދެވަނަ ހާފްގައި ކުޅެން އެރި ޒުވާން ފޯވާޑް ރަންޑަލް ކޯލޯ މުއާނީ އެވެ.
އެ މެޗުގައި ރެފްރީކަން ކޮށްފައިވަނީ މެކްސިކޯގެ ސެޒާ ރާމޯސް ކަމަށްވާއިރު މޮރޮކޯގެ ފުޓްބޯޅަ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ މެޗުގެ ފުރަތަމަ ހާފްގައި މޮރޮކޯ އަށް ދެ ޕެނަލްޓީ ރެފްރީ ދީފައި ނުވާ ކަމަށެވެ. އަދި އެ މެޗުގައި ރެފްރީގެ ފަރާތުން ފެނުނު ކަންކަމާއެކު ފީފާ އަށް މިހާރު މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ މޮރޮކޯ ޓީމުގެ ހައްގުތައް ދިފާއުކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އަބަދުވެސް ޑިމާންޑް ކުރަނީ އިންސާފަށް ކަމަށްވެސް ބުނެފަ އެވެ.
ވޯލްޑް ކަޕްގެ މެޗުތަކުގައި ރެފްރީކަން ކުރަމުންދާ ރެފްރީންނަށް ފާޑުކިޔުން އަމާޒުވުން މިފަހަކަށް އައިސް ވަނީ އާންމު ކަމަކަށް ވެފަ އެވެ. އެގޮތުން ކުއާޓާފައިނަލްގައި ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދި މެޗަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެ މެޗުގެ ރެފްރީކަން ކުރި ރެފްރީ އަށް ފާޑުކިޔާފައިވާއިރު ކުއާޓާފައިނަލްގައި މޮރޮކޯ އަތުން ބަލިވި މެޗަށްފަހު ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭގެ ބަހުގެ ހޫނު ހަމަލާތަކެއް ރެފްރީ އަށް އަމާޒުކޮށްފައިވެ އެވެ.
މީގެއިތުރުން ސެމީފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ވެސް ވަނީ ރެފްރީ އަށް ފާޑުކިޔާފަ އެވެ.