Last Updated: June 29, 13:09
Monday, June 29, 2026
ޚަބަރު

ޔޫތު މިނިސްޓަރު ވަނީ ފެއިލްވެފައި: ޝާޑް

ޔޫތު މިނިސްޓަރ މަލީހް ޖަމާލް މީދޫ ޒުވާނުންތަކަކާއި އެކު ފޮޓޯ: ރައްމު.

އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން އައްޑޫއަށް އެދެވޭ ކުރިއެރުމެއް ހޯދައި ދެވިފައި ނުވާ ކަމަށާއި، މުބާރާތާއި ގުޅޭ ކަންކަމުގައި ޔޫތު މިނިސްޓަރ މުަހައްމަދު މަލީހް ޖަމާލް ފެއިލްވެފައި ވާ ކަމަށް ހުޅުދޫ ދާއިރާއަށް އަލަށް އިންތިހާބްވި މަޖިލިސް މެމްބަރު މުހައްމަދު ޝާހިދް (ޝާޑް) ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ޝާޑް މިއަދު ވިދާޅުވީ ޗެލެންޖް ކަޕް ގްރޫޕް ބީގެ ހުރިހާ ޓީމެއް ރޭ ހެރެތެރެ ރިސޯޓްގައި ކޭމްޕްކޮށްފައިވާ އިރު މުބާރާތާއި ގުޅޭ އެއްވެސް އިޝްތިހާރެއްގެ މިންވަރުވެސް އައްޑޫން ފެންނާކަށް ނެތްކަމަށާއި އަމުދުން ހުޅުދޫ މީދޫން އެއްވެސް ކުލަވަރެއް ފެންނާން ނެތް ކަމަށެވެ.

ޝާޑް ވިދާޅުވީ އޭއެފްސީ ފަދަ މުބާރާތެއްގެ ބޭނުން އައްޑޫ ރައްޔިތުންނަށް ނެތް ކަމަށެވެ.

"އޭއެފްސީ އާއި ދިވެހި ސަރުކާރުން އެތައް ހޭދައެއް ކުރި އިރު އައްޑޫއަށް ލިބުނީ ކޮން ކުރިއެރުމެއްތޯ ބަލަން އެބަޖެހޭ. ކުޑަމިނުން ޕްރެކްޓިސް ދަނޑެއް ސަރުކާރުން އައްޑޫގައި ގާއިމްކޮށް ނުދެވުނު. މީދޫ ދަނޑުގެ މަސައްކަތަކީ އެރަށުގެ ޒުވާނުން މާކުރިން ފަށާފައިވާ މަސައްކަތެއް"

ޝާޑް ވިދާޅުވީ ޔޫތު މިނިސްޓަރ މަލީހް ހުޅުދޫއަށް ވަޑައިގެން އެރަށުގެ ޒުވާނުންނާއި ބައްދަލުކޮށް ހުޅުދޫ ދަނޑާއި މީދޫ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދޭން ވައުދުވި ކަމަށެވެ. ނަމަވެސް ދެ ރަށުގެ ދަނޑު ތަރައްޤީ ކޮށްދިނުމަށް މިނިސްޓްރީން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

"މީދޫ ބޯޅަ ދަނޑުގައި ޕްރެކްޓިސް ބޭއްވުނަސް އެއީ މިނިސްޓްރީން ކްރެޑިޓް ނެގޭނެ މަސައްކަތެއް ނޫން. އެއީ އެރަށުގެ ޒުވާނުންނާއި ރައްޔިތުންގެ ބުރަ މަސައްކަތް. އެކަމަށް ދައުލަތުން ކުރީ ކޮން ހަރަދެއް. މިފަދަ މުބާރާތަކާއި ބަލާފައި"

ޝާޑް ވިދާޅުވީ ހެރެތެރެއިން މީދޫ ދަނޑަށް ޓީމްތައް ގެންދާއިރު އެންމެ ކުޑަމިނުން މަގުވެސް ހަދާނުލެވުނު ކަމަށެވެ.

"ޓީމްތައް ގޮވައިގެން ފަރުބަދަ މަތިން ދަތުރު ކުރަނީހެން ހީވަނީ، މަގަށް ފަސްކޮޅެއް އަޅާލާ އެއްވަރުވެސް ކޮށްނުލެވުނު"

އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން ހިތަދޫގައި ހަދަމުންދާ ޒޯން ސްޓޭޑިއަމްގެ މަސައްކަތާއި މެދުވެސް އާއްމު ރައްޔިތުންގެ ޝަކުވާވަނީ ބޮޑުވެފައެވެ. މުބާރާތް ބޭއްވުމަށްޓަކައި ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރަމުންދާ އިރު ވީއައިޕީން ތިބުމަށް ގެންނަނީ އީސީސީގައި ތިބި ގޮޑިއެވެ.

އަދި ދަނޑުގައި ވަގުތީ ލައިޓިން ޖެހުމާއި، ފުރާޅުގެ އެއްބައި ހިޔާ ކޮށްފައި ހުރުމުގެ ސަބަބުން ގިނަ ފާޑުކިއުންތައް ވަނީ ޔޫތު މިނިސްޓަރަށް އަމާޒުވެފައެވެ.

ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރުމަށްފަހު މިރޭ ހުޅުވުމަށް ވަނީ ނިންމާފައެވެ.