ސަނީ ޑިއޯލްއާ އެކީ "ދާމިނީ" އާއި "ގަތަކު" އަދި "ގާޔަލް" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ބޮލީވުޑްގެ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ 10 އަހަރު ފަހުން އާ ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
މި ފިލްމަކީ އަންނަ މަހުގެ 26 އަށް ތާވަލުކޮށްފައިވާ "ގާންދީ ގޯޑްސޭ: އޭކް ޔުދު" އެވެ. ފިލްމު އަންނަ މަހު ރިލީޒްކުރާކަން ވީޑިއޯކުލުން އިއުލާންކުރުން ފިޔަވައި މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެހެންވެ ސަންތޯޝީގެ އާ ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ގާންދީ ގޯޑްސޭ: އޭކް ޔުދު" އިން ސަންތޯޝީގެ އަންހެން ދަރިފުޅު ތަނީޝާ ސަންތޯޝީ ބޮލީވުޑަށް ތައާރަފުކުރާނެ އެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ގުނައިލެވޭ ސަންތޯޝީ، 66، އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޝާހިދު ކަޕޫރާއި އިލިއާނާ ޑި ކްރޫޒްގެ 2013 ގެ "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ"
އެވެ. އޭގެ ފަހުން "ބޭޑް ބޯއި" ގެ ނަމުގައި ވެސް އޭނަ ފިލްމެއް ހެދި އެވެ. އެކަމަކު އެ ފިލްމު އަދި ރިލީޒެއް ނުކުރެ އެވެ. "ބޭޑް ބޯއި" އަކީ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ހަގު ފިރިހެން ދަރިފުޅު ނަމާޝީ ޗަކްރަބަތީގެ އަލަތު ފިލްމެވެ.
ސަންތޯޝީ ގެނެސް ދީފައިވާ ފިލްމުތަކުގެ ތެރޭގައި "އަންދާޒް އަޕްނާ އަޕްނާ"، "ޕުކާރް"، "ދަ ލެޖެންޑް އޮފް ބަގަތު ސިންގް"، "ލައްޖާ"، "ކާކީ" އަދި "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ހިމެނެ އެވެ.