ބޮލީވުޑްގެ ތަރި ކާތިކް އާރިއަން ގެއެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ 32 އަހަރުގެ އެކްޓަރު ގެއެއް ބޭނުން ވަނީ މުމްބާއީގެ ޖުހޫގެ ހިތްގައިމު ހިސާބަކުން ކަމަށާއި މިހާތަނަށް ވަރަށް ގިނަ ތަންތަން ވެސް ބަލާފައިވާ ކަމަށެވެ. އެގޮތުން ކާތިކާ އާއި އޭނަގެ މަންމަ މި ހަފުތާގައި އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕޫތު ކުރިން ދިރިއުޅުނު އަގުބޮޑު އެޕާޓްމަންޓް ވެސް ބަލާފައިވާ ކަމަށް ބުންޏެވެ.
މީޑިއާތަކުން ބުނި ގޮތުގައި ލަގްޒަރީ ފެންވަރުގެ ގެއެއް ހޯދަން ކާތިކް މަސައްކަތްކުރާތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ. އެކަމަކު އޭނަ އުޅެނީ ހިތްހަމަޖެހޭ ކަހަލަ ތަނަކާ ލައްވާ ނުލައިގެންނެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ކާތިކް ބޭނުން ވަނީ ރީތި ވިއުއެއް ހާއްސަކޮށް މޫދު ފެންނަ ހިސާބުން ރީތި ގެއެކެވެ.
ކާތިކަކީ މި ވަގުތު ބޮލީވުޑްގެ ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. މި އަހަރު އޭނަގެ ދެ ފިލްމެއް ރިލީޒްކުރި އެވެ. އެއީ މި މަހުގެ "ފްރެޑީ" އާއި މެއިގައި ރިލީޒްކުރި "ބޫލް ބުލައްޔާ" އެވެ. ކާތިކްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޝެހެޒާދާ" އާއި "ސަތިއަޕްރޭމް ކީ ކާތާ" އާއި "ކެޕްޓަން އިންޑިއާ" އާއި "ހީރާ ޕޭރީ 3" ގެ އިތުރުން ޑައިރެކްޓަރު ކަބީރް ޚާންގެ އަދި ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.