މާލެ ސަރަހައްދުގެ ފަގީރުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭން ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން މި މަހުގެ 22 އިން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ޙާލަތު ބަނދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނުވާ މީހުންނަކީ މި ވަގުތުވެސް ފަގީރުގެ ދަފުތަރުގައި ހިމެނޭ މީހުން ކަމަށެވެ. އެހެންވެ އެފަދަ މީހުން ދަފުތަރުގައި ރަޖިސްޓްރާން ފޯމް ހުށައަޅާކަށް ނުޖެހޭނެ އެވެ.
ނަމަވެސް ދަފުތަރުގައި ރެޖިސްޓްރީވެފައިވާ އާއިލާގައި އަންނަ މަހުގެ 19 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރެއްޖެ ނަމަ އެފަދަ އާއިލާތަކުން އަލުން ފޯމް ހުށައަޅަންޖެހެ އެވެ.
މިދިޔަ އަހަރު މުޅި ރާއްޖޭން ފަގީރުންގެ ދަފުތަރުގައި 7، 700 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީކުރި އެވެ.
އަތޮޅު ތެރޭގައި ފަގީރުންގެ ލިސްޓްގައި ރަޖިސްޓްރީވާން ހުޅުވާލަނީ ކައުންސިލްތައް މެދުވެރިކޮށެވެ.