ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް ( އޯޓީޕީ) އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
އޮތެންޓިކޭޓަރ އެޕަކީ ސްމާރޓް ފޯނާއި ޓެބްލެޓްގައި ހާއްސަ، އަދި ވަކި ވަގުތެއްގެ ތެރޭގައި ބޭނުންކުރާ ގޮތަށް ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕްލިކޭޝަނެކެވެ. އޮތެންޓިކޭޓަރ އެޕް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ހާއްސަވާނެ އެވެ.
ބީއެމްއެލް އިން ބުނީ މިގެނެވުނު ބަދަލާއެކު ކަސްޓަމަރުން ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓްކުރުމަށް ގޫގުލް އޮތެންޓިކޭޓަރ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓަރ ފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. މިގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓަރވެސް ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވާ ކަމަށާއި މީގެ ނަތީޖާއަކީ އީމެއިލް އަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބިގެން ދިޔުން ކަމަށެވެ. އަދި އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް ކާލް ވިދާޅުވި އެވެ.
"މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް މިދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައްކުރަމުން. އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރެއްވުން." ސީއީއޯ ވިދާޅުވި އެވެ.
މި މަހުގެ 20 އިން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެ އެވެ. އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.