Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މިއީ އެންމެ ބަރާބަރު ވޯލްޑް ކަޕް

ގަތަރުގައި މިފަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ މިހާތަނަށް ބޭއްވި އެންމެ ބަރާބަރު ވޯލްޑް ކަޕް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ އަރަބި ގައުމެއްގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާއިރު މި މުބާރާތް ބެލުމަށް އެތައް މިލިއަން މީހުންނެއް ގަތަރަށް ގޮސްފައިވެ އެވެ.

ވޯލްޑް ކަޕް ނިމުމަކާ ގާތްވެފައިވާއިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފަންޓީނޯ ވިދާޅުވީ ހުރިހާ ގޮތަކުން ވެސް މިފަހަރުގެ ވޯލްޑް ކަޕަކީ ކާމިޔާބު ވޯލްޑް ކަޕެއް ކަމަށާއި މުބާރާތުގައި ސަޕޯޓަރުން ޓީމުތަކަށް ސަޕޯޓް ކުރަމުންދިޔައީ އުފާވެރި މާހައުލެއްގައި ތިބެ ކަމަށެވެ. އަދި މުބާރާތުގައި ކުޅުނު މެޗުތައް ދިޔައީ ވާދަވެރިކޮށް ކަމަށާއި ބައެއް ސަޕްރައިޒްތަކާއި ހިތްގައިމު ގޯލުތަކެއް ވެސް ފެނިގެންދިޔަ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.

އިންފަންޓީނޯ ވިދާޅުވީ މިއީ ދަނޑުމަތިން ވަރަށް އިންސާފުވެރިކޮށް ދިޔަ ވޯލްޑް ކަޕެއް ކަމަށާއި އެގޮތުން މާގިނަ ރީނދޫ އަދި ރަތްކާޑުތަކެއް ވެސް ފެނިގެން ގޮސްފައި ނުވާ ކަމަށެވެ. މުބާރާތުގެ މެޗުތައް ކުޅުނީ އެއްވެސް މައްސަލަތަކެއް ދިމާނުވެ ކަމަށްވާއިރު މުބާރާތުގެ މެޗުތައް ގާތްގަނޑަކަށް ބިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މި ވޯލްޑް ކަޕް އެންމެ އެންމެ ބަރާބަރު ވޯލްޑް ކަޕަށް ހަދައިދިނުމަށް ގަތަރާއި މިކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކުން ކުރި މަސައްކަތަށް ޝުކުރު އަދާކުރަން." އޭނާ ވިދާޅުވި އެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މާދަމާ މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާއިރު، ފްރާންސް އާއި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހު އެވެ.