Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ބުސްކެޓްސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ބާސެލޯނާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ބުސްކެޓްސް ،34، ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަންވީ ވަގުތު މިހާރު އައިސްފައިވާ ކަމަށާއި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފުރުސަތު ދިން ކަމަށްޓަކާ ވިސެންޓޭ ޑެލްބޮސްކޭ އަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭގެފަހުން ސްޕެއިންގެ ޓީމާއި ހަވާލުވި ކޯޗުންނާއި އެކުގައި ކުޅުނު ކުޅުންތެރިންނަށް ވެސް ބުސްކެޓްސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ބުސްކެޓްސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ސަޕޯޓަރެއްގެ ގޮތުގައި ޓީމަށް ސަޕޯޓް ކުރުމުގައި ދެމި ހުންނާނެ ކަމަށް ބުނެފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 2009 ވަނަ އަހަރުން ފެށިގެން ކުޅެން ފެށި ބުސްކެޓްސް ވަނީ އެޓީމަށް 143 މެޗު ކުޅެދީފަ އެވެ. ބުސްކެޓްސް ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީ ވެސް ބުސްކެޓްސް އެވެ.