މޯލްޑިވިއަން ރިޒަވޭޝަން އެންޑް ޓިކެޓިން ކޯލް ސެންޓަރ ފުވައްމުލަކު ސިޓީގައި ނައިބް ރައީސް ފައިސަލް ނަސީމް ހުޅުއްވައި ދެއްވައިފި އެވެ.
މޯލްޑިވިއަން ކޯލް ސެންޓަރު ފުވައްމުލަކު ސިޓީގައި ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ހުޅުއްވައި ދެއްވީ އައްޑޫއަށް އަދި ފުވައްމުލަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މާލެއިން ބޭރުގައި ޙިދުމަތްތަށް ޤާއިމް ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މި ބަދަލާއިއެކު މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ގުޅޭނެ ޝޯޓް ކޯޑެއްވެސް އެކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ. މޯލްޑިވިއަންގެ ޝޯޓް ކޯޑު 1671 އަށް ގުޅުމުން ޓިކެޓިން އަދި ރިޒަވޭޝަނާއި ގުޅޭ ހުރިހާ މައުލޫމާތެއް އަދި ޙިދުމަތެއްވެސް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އަދި މިހާރު މޯލްޑިވިއަން ކޯލް ސެންޓަރުން ޙިދުމަތްދޭ ގަޑިތަކަށްވެސް މިއާއެކު ވަނީ ބަދަލު ގެނެސްފައެވެ. މޯލްޑިވިއަން ކޯލް ސެންޓަރުން މިހާރު ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ޙިދުމަތް ލިބޭނެއެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށް ޙިދުމަތް ފޯރުކޮށްދޭނެއެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ޙިދުމަތް ދޭނެއެވެ.
Simply dial 1671 to reach our new call center in Fuvahmulah city for ticketing and reservations. pic.twitter.com/No7E2JeyBe
— MaldivianAero (@MaldivianAero) December 16, 2022
މޯލްޑިވިއަންގެ ކޯލް ސެންޓަރު ފުވައްމުލަކަށް ބަދަލު ކުރުމާއި އެކު މިތަނުގައި މަސައްކަތް ކުރާނީ ފުވައްމުލަކު ސިޓީގެ ދިރިއުޅެމުންދާ މީހުން ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ. މީޑީއާއަށް މައުލޫމާތު ދެމުން މޯލްޑިވިއަން އިން ވަނީ އެކުންފުނީގެ ކޯލް ސެންޓަރަށް މަހެއްގެ މައްޗަށް 8000 ކޯލް ލިބޭ ކަމަށާއި އަދި ޕީކް ސީޒަނުގައި 12000 ކޯލް އެވްރެޖްކޮށް އަންނަ ކަމަށް ހާމަކޮށްފައެވެ.
ދައުލަތުގެ ކުންފުނި ތަކުގެ ތެރެއިން މޯލްޑިވިއަން އަކީ ފުވައްމުލަކަށް ކޯލް ސެންޓަރު ބަދަލު ކުރި ދެވަނަ ކުންފުނިއެވެ. މީގެ ކުރިން މިދިޔަ އަހަރު އެޗްޑީސީންވެސް ވަނީ އެކުންފުނީގެ ކޯލް ސެންޓަރު ފުވައްމުލަކުގައި ޤާޢިމްކޮށް ޙިދުމަތް ދޭން ފަށާފައެވެ.