Last Updated: June 29, 13:09
Monday, June 29, 2026
ޚަބަރު

ރަން ވަނަ ހޯދި ޝަރަފުއްދީން ދަރިވަރުންނަށް ހޫނު މަރުހަބާއެއް

މިއަހަރުގެ ޖީސީއީ އޯލެވެލްއިން ބައިނަލް އަގްވާމީ ވަނަތައް ހޯދި ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޖީސީއީ އޯލެވެލް އިމްތިހާނުގެ ގަދަ ދިހަ އެއް އިއުލާން ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރި ވުމަށް ފަހު ދަރިވަރުން މިއަދު މެންދުރު އައްޑޫއަށް އައުމުން ސްކޫލްގެ ވެރިންނާއި ބެލެނިވެރިން އަދި ގިނަ އަދަދެއްގެ ސްކޫލް ކުދިންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
sh3

އެގޮތުން ދަރިވަރުން ހޯދި ކާމިޔާބް ފާހަނގަ ކުރުމުގެ ގޮތުން އައްޑޫގެ ބޮޑެތި މަގުތަކުގައި ވެެހިކަލް ބުރެއް ވަނީ ބާއްވާފައެވެ، އަދި ހިތަދޫ އެޅެދީދީ މަގުގައި ވަނީ ހާއްސަ ހިނގާލުމެއް ބާއްވާފައެވެ.
sh2
މިފަހަރުގެ އިމްތިހާންގައި ޝަރަފުއްދީން ސްކޫލްގެ 35 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10އެއްގައި ހިމެނިފައެވެ.

އޭގެ ތެރެއިން 2 ދަރިވަރަކު ވަނީ އިނގިރޭސިން ދުނިޔޭގެ 6 ވަނަ އާއި 4 ވަނަ ހޯދާފައެވެ. ޝަރަފުއްދީން ސްކޫލްގެ އަމީރާ އޮސްމެނިޖިކްސް އިނގިރޭސިން މުޅި ދުނިޔެއިން 4 ވަނަ ހޯދާފައިވާ އިރު އެ ސްކޫލްގެ ޒަޔާން މުހައްމަދު ނަސީރު ވަނީ މުޅި ދުނިޔޭން އިނގިރޭސިން 6 ވަނަ ހޯދާފައެވެ.

ޝަރަފުއްދީން ސްކޫލްގެ މަރިޔަމް ޝާޔާ ލަޠީފް ވަނީ ކެމިސްޓްރީން ދުނިޔޭގެ 4 ވަނަ ހޯދާފައެވެ. އަދި މުޅި ރާއްޖޭން ކެމިސްޓްރީން އެއްވަނަ ނެގީވެސް ޝާޔާ ލަޠީފްއެވެ. މީގެ އިތުރުން ފްރޮންޓް އޮފީސް އިން މުޅި ރާއްޖެއިން 1 ވަނަ ހޯދާފައި ވަނީ އެސްކޫލްގެ އާމިނަތު ހިދާޔާ ހުސެއިން އެވެ.

މިފަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުން ޖުމްލަކޮށް ޝަރަފުއްދީން ސްކޫލް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ކުރިން ހަމައެކަނި ސެކަންޑަރީ ސްކޫލެއްގެ ގޮތުގައި ހިންގި ޝަރަފުއްދީން ސްކޫލް ވަނީ ހިތަދޫ ތައުލީމީ މަރުކަޒާއި އެއްކޮށްލައި އައްޑޫގެ އެންމެ ބޮޑު ސްކޫލަށްވެފައެވެ.