Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ރުއްފަށާ" ގައި އިންދަން ބޭރުން ރުއް ގެންނަނީ

އައްޑޫ ހިތަދޫގެ އާރްއޭފް "ރުއްފަށާ" ސަރަހައްދުގައި ހުރި ރުއްތަކުގެ ބަދަލު ބޭރުން ރުއްތަކެއް ގެނެސް ޖެހުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

"ރުއްފަށާ" ސަރަހައްދުގައި މީގެ ކުރިން ހުރި ގިނަ ދުވަސްތަކެއްވެފައިވާ 50 އަށް ވުރެ ގިނަ ރުއް ކައުންސިލުން މި އަހަރު ކުރީކޮޅު ވަނީ ނަގައިފަ އެވެ. އޭރު ކައުންސިލުން ރުއްތަށް ނެގީ، އެ ރުއްތަކަކީ ގިނަ ދުވަސްވެ ބޭނުން ނުހިފޭ ރުއްތަކަށްވެފައި ރުއްތަކުން ފައިބާ އެއްޗެހީގެ ސަބަބުން ދުއްވާ ފަރާތްތަކަށް އުނދަގޫ ތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ބުނެ އެވެ.

އޭގެ ފަހުން ކައުންސިލުން އެ ސަރަހައްދު ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ފެށި އެވެ. އެގޮތުން އެ ސަރަހައްދުގައި ލައިޓް ޖެހުމަށް ކޭބަލް ވަޅުލައި މިހާރު ވަނީ ލައިޓުތައް ޖަހައި ދިއްލާލައިފަ އެވެ.

މި މަސައްކަތުގެ އިތުރު ތަފުސީލް "އައްޑޫ ލައިވް" އާ ހިއްސާކުރައްވަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ "ރުއްފަށާ" ސަރަހައްދުން ނެގި ރުއްތަކުގެ ބަދަލުގައި އިންދަން ބޭރުން ރުއްތައް ގެނައުމަށް މިހާރު ކަމާބެހޭ އިދާރާތަކުން ހުއްދަވެސް ނަގާފައިވާ ކަމަށެވެ. އެގޮތުން އެ ރުއްތައް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

"ރުއް އިންދާނެ. ރުއް އިންދުމުގެ ޕްލޭނެއް އެބައިން. މިހާރު ދިއްލާލީ އަސްލު ކޭބަލް ވެސް އަޅާފައި ހުރުމާ އެކު. އަސްލު ޕްލޭނަކީ އެހެން ބާވަތެއް ލައިޓެއް ޖެހުން،" މޭޔަރު ވިދާޅުވި އެވެ. "ރުއް އިންދާފަ އެ ރުއްތައް ކޮންމެވެސް ވަރަކަށް ބޮޑުވީމަ ލައިޓްތައް ވެސް ބަދަލު ކުރާނެ."

ނިޒާރު ވިދާޅު ރުއްތައް އަންނަންވާ އިރަށް އެ ސަރަހައްދު ވިނަ އިންދައި ލޭންޑްސްކޭޕިން މަސައްކަތް ފަށާނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ ޕްރޮޖެކްޓު ނިމޭ އިރު ލިންކް ރޯޑު އެއްކޮށް ދިއްލައި އެއްވެސް މަގުގެ އެއްވެސް ހިސާބެއް ރޭގަނޑު އަނދިރިކޮށް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.