Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ދެކުނުގެ އިގުތިސާދު ކުރިއަރާނީ ހިތަދޫ ޕޯޓާ އެކީ

ހިތަދޫ ޕޯޓް ލިމިޓެޑަށް 17 އަހަރު ފުރުމުގެ ރަސްމީއްޔާތުގެ ތެރެއިން ސީއީއޯ އަލީ ޝާހިދު / ފޮޓޯ: އައްޑޫލައިވް

ދެކުނުގެ އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވޭނީ ހިތަދޫ ޕޯޓް ތަރައްޤީ ކުރެވިގެން ކަމަށް އެމްޕީއެލްގެ މޭނޭޖިންގް ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

ހިތަދޫ ޕޯޓަށް 17 އަހަރު ފުރުން ފާހަގަކޮށް ހިތަދޫ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަނީ އަގުވަޒަންކޮށްފައެވެ.

މިކަމަށްޓަކައި އައްޑޫގައި ސްކޫލުގައި ރޭ ބޭއްވި ހާއްސަ ރަސްމީއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ، އަދި އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފްގެ އިތުރުން ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ ހަފްލާގައި އައްޑޫސިޓީ ކައުންސިލު މެންބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ޙިދުމަތް ފޯރުކޮށްދީ ދެކުނުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓް ތަރައްޤީ ކޮށްގެން ކަމަށެވެ. އަދި ޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެން ދާނެ ކަމަށް ވިދާޅުވެ ޝާހިދު ވަނީ މިމަޝްރޫޢު ހިންގުމަށް ސަރުކާރުން ނިންމަވާފައިވާ ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.

ހިތަދޫ ޕޯޓް ލިމިޓެޑަށް 17 އަހަރު ފުރުމުގެ ރަސްމީއްޔާތުގެ ތެރެއިން ސީއީއޯ އަލީ ޝާހިދު / ފޮޓޯ: އައްޑޫލައިވް

ސީއީއޯ ޝާހިދު އަލީ ވާހަކަ ފުޅުގައި ވިދާޅުވީ ޕްރޮޖެކްޓު ފުރިހަމަ ވުމުން، ބޭރުން އަންނަ ކާގޯ އުޅަނދު ފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ހާއްސަ ކުރެވޭނެ ކަމަށެވެ. އަދި ޑޮމެސްޓިކް އުޅަނދުތަކަށް 165 މީޓަރު މަގަތު ފާލަމެއް ހާއްސަ ކުރެވި ހިތަދޫ ބަނދަރުގެ އޮޕަރޭޝަނަލް ކެޕޭސިޓީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވިދާޅުވިއެވެ.

ހިތަދޫ ޕޯޓް ލިމިޓެޑަށް 17 އަހަރު ފުރުމުގެ ރަސްމީއްޔާތުގެ ތެރެއިން އެމްޕީއެލް ޗެއަރމަން މުހައްމަދު ޝަރީފް / ފޮޓޯ: އައްޑޫލައިވް

‎މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ރަސްމީއްޔާތުގެ ޝަރަފުވެރި މެހެމާނު އަދި ކުންފުނީގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފް ވަނީ އަންނަ އަހަރު ޖެނުއަރީ މަހުގެ ތެރޭ އައްޑޫއަށް ކްރޫޒްލައިނަރ ދަތުރުތައް ފެށޭނެ ކަމުގެ ޙަބަރު ދެއްވާފައެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެމްޕީއެލްއިން ހާމަކޮށްފައި ނުވެއެވެ.

މިހަފްލާގައި އެމްޕީއެލްގެ ބަނދަރު އެޕް ހިތަދޫ ޕޯޓު ލިމިޓެޑުގައި ބޭނުން ކުރުމަށް ވަނީ ލޯންޗުކޮށްފައެވެ. މިއާއެކު މާލޭ ސަރަހައްދުން ބޭރުގައި ބަނދަރު އެޕް ބޭނުން ކުރަން ފަށާނީ އައްޑޫގައި ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ހިތަދޫ ޕޯޓް ލިމިޓެޑަށް 17 އަހަރު ފުރުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

ހިތަދޫ ޕޯޓު ލިމިޓެޑުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި ރަސްމީއްޔާތުގައި ކުންފުންޏަށް ގިނަ ދުވަހު ޙިދުމަތް ކުރައްވައި ރިޓަޔަރ ކުރައްވާ ދެ ބޭފުޅަކަށް ވަނީ ހަނދާނީ ފިލާ އަރުއްވާފައެވެ. މީގެ އިތުރުން ކުންފުންޏަށް 10 އަހަރަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކުރެއްވި 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެ ގިނަ ދުވަހު ޙިދުމަތް ކުރެއްވި 13 މުވައްޒަފެއްގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.