Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މޮރޮކޯގެ އަމާޒަކީ މިހާރު ވޯލްޑް ކަޕްގެ 3

މޮރޮކޯގެ އަމާޒަކީ ތިންވަނައާއެކު ވޯލްޑް ކަޕް ނިންމާލުން ކަމަށް އެޓީމުގެ ކޯޗު ވާލިދް ރެގްރަގޫ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ސެމީފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރި މޮރޮކޯ ސެމީގައި ވަނީ ފްރާންސް އަތުން 2-0 އިން ބަލިވެފަ އެވެ. އަދި މުބާރާތުގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ ކްރޮއޭޝިއާ ސެމީގައި ބަލިވީ އާޖެންޓީނާ އަތުން 3-0 އިންނެވެ.

ތިންވަނަ ހޮވާ މެޗުގައި މިރޭ މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާއިރު މި ދެ ޓީމު ވަނީ މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފަ އެވެ. އެ މެޗު ލަނޑެއް ނުޖެހި ވީ އެއްވަރެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ވާލިދް ބުނީ ކޮންމެ މެޗެއް ވެސް މޮރޮކޯ އަށް މުހިއްމު ކަމަށާއި އެގޮތުން އެކުވެރިކަމުގެ މެޗެއް ވެސް އެޓީމަށް ވާނީ މުހިއްމު މެޗަކަށް ކަމަށެވެ. ސަޕޯޓަރުންނަށްޓަކާ މެޗުތަކުން މޮޅުވާން ބޭނުންވާ ކަމަށާއި އަމާޒަކީ މުބާރާތުގެ ތިންވަނަ ހޯދުން ކަމަށް ވާލިދް ބުންޏެވެ.

ވާލިދް ބުނީ މޮރޮކޯ އިން ބޭނުންވީ މިރޭގެ މެޗަށް ވުރެ ބޮޑަށް މާދަމާ ރޭ އޮންނަ މުބާރާތުގެ ފައިނަލްގައި ކުޅުމަށް ކަމަށެވެ. ނަމަވެސް މޮރޮކޯ ކުޅުންތެރިން މުބާރާތުގައި ކުރި މަސައްކަތާއި މެދު ފަހުރުވެރިވާ ކަމަށާއި ޕޯޑިއަމް މަތީގައި ތިބެން ބޭނުންވާ ކަމަށްވެސް ވާލިދް ބުންޏެވެ.

"މުބާރާތް ފެށުމުގެ މޮރޮކޯ ސަޕޯޓަރުން ކައިރީ ޑިސެމްބަރު 17 ވަނަ ދުވަހު މުބާރާތުގައި މޮރޮކޯ އިން ހަތްވަނަ މެޗު ކުޅެނެއޭ ބުނެފިނަމަ އެމީހުން ފަހުރުވެރިވާނެ." ވާލިދް ބުންޏެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން މޮރޮކޯގެ ކެޕްޓަން ރޮމައިން ސައިސް އަށް ނުކުޅެވޭނެ އެވެ. ފްރާންސް މެޗަށް އޭނާ އެރީ ވެސް އަނިޔާގައި ހުރެ ކަމަށްވާއިރު އެ މެޗުގައި 20 މިނެޓް ކުޅުމަށްފަހު އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.