މާދަމާ ކުޅެން ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ފައިނަލް މެޗްގެ ރަސްމިއްޔާތުގައި ބައިވެރިވާން ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން ރޭ ގަތަރަށް ގޮސްފި އެވެ.
އޭނަ ފުރަން މުމްބާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގާފައިވާ ވީޑިއޯ އާއި ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން ގެނެސްދީފައިވެ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގައި ދީޕިކާއާ އެއާޕޯޓަށް ދިޔައީ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ރަންވީރު ސިންގްއާ އެކީގަ އެވެ. ނަމަވެސް ރަންބީރް ކާރަކުން ނުފައިބަ އެވެ. ދީޕިކާ ކާރުން ފައިބައިގެން ވަރަށް އުފާވެރި މޫޑެއްގައި ހުރެގެން ޓާމިނަލަށް ވަދެގެން ދާ ތަން ފެނެ އެވެ.
މާދަމާ ކުޅޭ ފައިނަލް މެޗްގެ ކުރިން ވޯލްޑް ކަޕްގެ ޓްރޮފީ ދައްކައިލަން ބާއްވާ ކުލަގަދަ އިވެންޓްތަކުގައި އިންޓަނޭޝަނަލް ސެލެބްރިޓީންތަކަކާ އެކީ ދީޕިކާ ބައިވެރިވާނެ އެވެ. އެހެންވެ ދީޕިކާގެ ގަތަރުގެ މި ދަތުރަކީ ފީފާގެ ދައުވަތަކަށް ކުރާ ދަތުރެކެވެ. އަދި މިއީ ފީފާ އިން ބޮލީވުޑްގެ ބަތަލާއަކަށް ވޯލްޑް ޓްރޮފީ ދައްކައިލަން ބާއްބާ ހަފުލާގައި ބައިވެރިވާން ފުރުސަތެއް ދިން ފުރަތަމަ ފަހަރު ވެސް މެ އެވެ.
ދީޕިކާ ގަތަރަށް ރޭ ފުރައިގެން ދިޔަ އިރުމ އަންނަ މަހު ރިލިޒްކުރަން ހަމަޖެހިފައިވާ އޭނަ އާއި ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ގެ ލަވައެއްގެ މައްސަލަ ބޮޑުވެ، އެ ފިލްމާ ދެކޮޅަށް އިންޑިއާގެ އެކި ހިސާބުތަކުގައި މިހާރު ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.
އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ފިލްމުން އާންމުކުރި ލަވަ "ބޭޝަރަމް ރަންގް" ގައި ދީޕިކާ ބޭނުންކޮށްފައިވާ ހެދުންތަކުގެ ނިވާކަން ކުޑަވުމާއި އެ ލަވައިގެ ނެށުންތަކުގައި ވެސް "ބަލަން ހެޔޮނުވާ ވަރު" ގެ މަންޒަރުތަކެއް ހިމެނޭ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ފިލްމު ސިނަމާތަކުގައި އަޅުވަން ހުރަސް އަޅާނެ ކަމަށް ބުނެ، ފިލްމު ބޮއިކޮޓްކުރަން ވެސް ގޮވައިލަމުންނެވެ.