Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ނޫސްވެރިންގެ ޓްވިޓާ އެކައުންޓްތައް އިޔާދަ!

ނޫސްވެރިންތަކެއްގެ ޓްވީޓާ އެކައުންޓްތަކެއް ސަސްޕެންޑްކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ހެދި އެ އެކައުންޓްތައް އަލުން އިޔާދަކޮށް ދޭން ނިންމައިފި އެވެ.

މިކަން ޓްވިޓާގެ ވެރިޔާ އީލޮން މަސްކް މިއަދު ކުރެއްވި ޓްވީޓެއްގައި އިއުލާންކޮށްފައިވެ އެވެ.

މިދިޔަ ބުދަ ދުވަހު އަމަަލުކުރަން ފެށި އާ އުސޫލަކަށް ނޫސްވެރިންތަކެއްގެ އެކައުންޓްތަކެއް ނުފެތޭ ކަމަށް ބުނެ ޓްވިޓާ އިން ބުރާސްފަތި ދުވަހު ސަސްޕެންޑްކުރި އެކައުންޓްތަކުގެ ތެރޭގައި ހުޅަނގުގެ ނުފޫޒު ގަދަ މީޑިއާތަކުގައި ތެރޭގައި ހިމެނޭ އެމެރިކާގެ ސީއެންއެން އާއި ވޮޝިންޓަން ޕޯސްޓާއި ނިއު ޔޯކް ޓައިމްސްގެ ނޫސްވެރިންތަކެއް ހިމެނެ އެވެ. މީގެ އިތުރުން ދި އިންޓަސެޕްޝަނާއި މެޝަބްލް އަށް ނިސްބަތްވާ ނޫސްވެރިންތަކެއްގެ އތުރުން ފްރީލާންސް ނޫސްވެރިންތަކެއްގެ ޓްވިޓާ އެކައުންޓަތަކެއް ވެސް ސަސްޕެންޑްކުރި އެވެ.

ޓްވިޓާ އިން ބޭރުކުރި ނޫސްވެރިންނަކީ އާންމުކޮށް އީލޮންއާ ގުޅޭ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންނެވެ.

މިކަމާ ގުޅިގެން އެ ނޫސްވެރިން ނިސްބަތްވާ މީޑިއާ އޭޖެންސީތަކުންނާއި އދ. އާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) ފަދަ ބޮޑެތި ޖަމާއަތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ޓްވިޓާ އަށް ފާޑު ކިޔާފައިވެ އެވެ.

އދ. ގެ ގްލޯބަލް ކޮމިއުނިކޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް މެލީސާ ފްލެމިންގް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީޑިއާގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އަދި ނޫސްވެރިންނަށް އެ މީހުންގެ ހިޔާލު ފާޅުކުރަން ޓްވިޓާ އިން ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްވިޓާ އިން ނޫސްވެރިންތަކެއްގެ އެކައުންޓްތަކެއް ބްލޮކްކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. އަދި މީޑިއާ އަކީ "ކުޅޭކުޅޭ އެއްޗެއް ނޫން" ކަމަށް ވިދާޅުވި އެވެ.