ކަކުލުގެ ތަފާތު އެކި މައްސަލަތައް ހުންނަ ދުވަސްވީ މީހުންނަށް ބޭނުން ފަރުވާ ފޯރުކޮށް ދޭން އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު ނިންމައިފި އެވެ.
މީގެ ދެ އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑްގެ ވަބާއާ ގުޅިގެން އިންޑިއާގެ އެތައް ބަޔަކަށް މިހާތަނަށް އަމިއްލަ ޖީބުން ހަރަދުކޮށްގެން އެހީވާން ފެށުމުން ބޮޑު މަޝްހޫރުކަމެއް ލިބުނު އެކްޓަރުގެ "ސޫދު ޗެރިޓީ ފައުންޑޭޝަން" އިން މިހާރު ނިންމާފައި ވަނީ ދުވަސްވީ މީހުންގެ ކަކުލުގެ މައްސަލަތަކަށް ބޭނުންވާ ފަރުވާ ހިލޭ ދިނުމަށެވެ.
ސޯނޫގެ ފައުންޑޭޝަނުން "ގަދަމް ބަޅާޔޭ ޖާ" ގެ ނަމުގައި މި ކެމްޕޭން ފެށުމަށް ބޭއްވި ހަފުލާގައި އޭނަ ބުނީ 50 އަހަރުން މަތިވާ ފަހުން ދެ ޖިންސްގެ ގިނަ ބަޔަކަަށް ކަކުލުގެ ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތަކަށް ބޭނުންވާ ފަރުވާ ހޯދަން ކޮންމެ ކޮންމެ މީހަކަށް ފުރުސަތު ނުލިބޭ ކަމަށާއި މާލީ ފުދުންތެރިކަން ހުންނަ ގޮތަށް އެފަދަ ފަރުވާތަކުން ގިނަ ބަޔަކު މަހުރޫމްވާ ކަމަށް ވެސް ސޯނޫ ބުންޏެވެ.
އެގޮތުން މިހާރު ނިންމާފައި އޮތީ ކަކުލުހުޅު ބަދަލުކުރަން ނުވަތަ ޓޯޓަލް ނީ ރިޕްލޭސްމަންޓް ސާޖަރީސް (ޓީކޭއާރްއެސް) ފަދަ ފަރުވާތައް ބޭނުންވާ މީހުންގެ ފަރުވާ އެއްކޮށް ހިލޭ ފޯރުކޮށް ދިނުމަށެވެ. އެގޮތުން މިފަދަ ހުރިހާ އޮޕަރޭޝަނެއް އެކަމަށް ހާއްސަ އިންޑިއާގެ ހޮސްޕިޓަލްތަކުން ކުރެވޭނެ މަގު ފަހިކޮށް ދީފައިވެ އެވެ.
"މި ކަމަކީ އުމުރުން ދުވަސްވީ މީހުން އުފުލާ ވޭންތަކަށް ލުއެއް ހޯދައިދޭން ފަށާ މަސައްކަތެއް." ސޯނޫ ބުންޏެވެ.
އޭނަ ބުނި ގޮތުގައި އަލަށް ފޯރުކޮށް ދޭން ނިންމި އެހީގެ ސަބަބުން ގިނަ ބަޔަކަށް އާންމު ދިރިއުޅުމަށް އަލުން ރުޖޫއަވޭނެ ފުރުސަތު ފަހިވެގެން ދާނެ އެވެ.
އިންސާނިއްޔަތަށް ސޯނޫ ކޮށްދޭން ފެށި ހިދުމަތްތަކުގެ އަގުވަޒަންކޮށް މިހާތަނަށް އޭނަ އެތައް އެވޯޑަކާއި ޝަރަފެއް އަރުވާފައިވެ އެވެެ. ސޯނޫ، 49، އަކީ ބޮލީވުޑްގެ އިތުރިން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ އެކްޓަރެކެވެ. ފިލްމީ ތަރިއަކަށް ވުރެ ބޮޑަށް ސޯނޫ މިހާރު އާންމުންގެ ތެރޭގައި މަޝްހޫރު ހިލޭ ސާބަހަށް ހިދުމަތްކުރާ "ހަގީގީ ހީރޯއެއް" ގެ ގޮތުގަ އެވެ.
ސޯނޫ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ޖޫންގައި ރިލީޒްކުރި އަކްޝޭ ކުމާރު "ސަމްރާޓް ޕްރިތުވީރާޖް" އެވެ.