ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ލައިޓް ހަރުކޮށް، ޓެސްޓްކޮށްފި އެވެ.
އެ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ތަނެކެވެ. ފަރެސްމާތޮޑާ އެއާޕޯޓު މައިގަނޑު ހުރިހާ މަސައްކަތްތަކެއް މިހާރު އޮތީ ނިމިފަ އެވެ. އެގޮތުން މިހާރު ކުރަމުން އަންނަ އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތަކެވެ.
މި އެއާޕޯޓްގެ ފަޔަ ބިލްޑިން އާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް ވެސް ނިމިފައިވާ އިރު، ޓާމިނަލްގެ ސްޓްރަކްޗާގެ މަސައްކަތްތައް ވެސް ނިމި، މިހާރު ކުރިއަށްދަނީ ޓާމިނަލްގެ އެތެރޭގެ މަސައްކަތެވެ.
އެއާޕޯޓްގައި ރޭގަަނޑު ޖެއްސޭ ގޮތަށް ލައިޓް ހަރުކޮށް، އެއާ ޓްރެފިކް ކޮންޓްރޯލް ޓަަވަރުގެ ރާޑަރާއި އަދި ރަންވޭގެ ލައިޓިން ސިސްޓަމްތައް ދިއްލައި ޓެސްޓްކުރީ ރޭގަ އެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ 1،200 މީޓަރު ދިގު ރަންވޭގެ އެއާޕޯޓެކެވެ.
މިއީ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއެކެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވާނެ ތާރީހެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.