އދ. ގެ ރެފިއުންޖީންނާ ބެހޭ އޭޖެންސީ، ޔޫއެންއެޗްސީއާރްގެ އެމްބެސެޑަރެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށް ފަހު ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ އެ މަގާމު ދޫކޮށްލައިފި އެވެ.
މަޝްހޫރު އެކްޓަރު ބްރެޑް ޕިޓްގެ ކުރީގެ އަންހެނުން އަދި ހަ ކުދިން ތިބި އެންޖެލީނާ އާންމުކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ ޔޫއެންއެޗްސީއާރްއާ ގުޅިގެން މިހާތަނަށް ރެފިއުންޖީންނާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ރެފިއުޖީން ގުޅުން ހުރި ކަންކަމަކީ އަބަދު ވެސް ހިތާ ވަރަށް ގާތް އަދި އެ މަސައްކަތަށް ވަރަށް ބޮޑު ލޯތްބަކާއި ހާއްސަ ކަމެއް ދެވިފައިވާ ކަމެއް ކަމަށް 47 އަހަރުގެ ބަތަލާ ބުންޏެވެ.
"އަހަރެންގެ ހަޔާތުގެ ވަރަށް ގިނަ ދުވަސްތަކެއް ރެފިއުޖީންނާ ގުޅޭ ކަންކަމަށް ދެވިއްޖެ. ކުރިއަށް އޮތް ތަނުގައި ސީދާ ރެފިއުޖީންނާ ގުޅޭ މަސައްކަތްތަކަށް ވުރެ ފުޅާކޮށް ޔޫއެންއާ އެކީ އަހަރެން އަދިވެސް މަސައްކަތް ކުރާނަން." ވަރަށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެންޖެލީނާ ބުންޏެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެންޖެލީނާ ޔޫއެންއެޗްސީއާރްގެ އެމްބެސެޑަރެއްގެ މަގާމު ދޫކޮށްލި ނަމަވެސް ދެން އޭނަ މަސައްކަތްތައް ބައްޓަންވާނެ ގޮތުގެ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
Joint Statement by UNHCR and Angelina Jolie https://t.co/kVPs1qWelf
— UNHCR, the UN Refugee Agency (@Refugees) December 16, 2022
އޭނައާ ބެހޭ ގޮތުން ޔޫއެންއެޗްސީއާރް އިން ބުނީ އެންޖެލީނާ އަކީ މިހާތަނަށް ރެފިއުޖީންގެ ހައްގުގައި މަސައްކަތްކުރި އެންމެ ނުފޫޒު ގަދަ ޝަހުސިއްޔަތު ކަމަށެވެ. އަދި އެމްބެސެޑެރެއްގެ ގޮތުގައި ފާއިތުވި 20 އަހަރު އެންޖެލީނާ ކުރި މަސައްކަތަށް ތައުރީފު ވެސް ހައްގު ކަމަށާއި އޭނަ އެ މަސައްކަތަށް ބެޖެއްޓި ފަރުވާތެރިކަމާއި ދިން ވަގުތަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރާ ކަމަށް ބުންޏެވެ.
ޔޫއެންއެޗްސީއާރްގެ އެމްބެސެޑަރެއްގެ ގޮތުގައި އެންޖީލީނާ މިހާތަނަށް ވަރަށް ގިނަ ގައުމުތަކަށް ޒިޔާރަތްކޮށް، ރެފިއުޖީންގެ ހައްގުގައި ދުނިޔޭގައި ވަރަށް ފުޅާކޮށް ވަކާލާތުކޮށްފައިވެ އެވެ.