ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި މިއަދު ސިންގަޕޫރާއި ދެކޮޅަށް ކުޅުނު މެޗުން 3-1 އިން ރާއްޖެ ބަލިވެއްޖެ އެވެ.
ސިންގަޕޫރުގެ ޖަލަން ބެސާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނިޓްގައި ސިންގަޕޫރުގެ އިލްހާން ފަންޑީ ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑު ނަގާދީފަ އެވެ. ނަމަވެސް މެޗުގެ 13 ވަނަ މިނެޓްގައި އިބްރާހިމް މަހުދީ ހުސެއިން ވަނީ ރާއްޖެއަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ސިންގަޕޫރުން ވަނީ ފުރަތަމަ ހާފަށް ވުރެ ބޮޑަށް ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން ދެވަނަ ހާފް ފެށިގެން ފަސް މިނިޓް ފަހުން ސިންގަޕޫރުގެ ޝަވާލް އަނުއަރު ވަނީ އެޓީމަށް އަލުން ލީޑު ނަގާދީފަ އެވެ.
މި ގޯލަށްފަހު ވެސް ސިންގަޕޫރުން ހުއްޓުމެއް ނެތި ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 87 ވަނަ މިނިޓްގައި ސިންގަޕޫރް ޓީމުގެ ތިންވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ޝަވާލް އެވެ.
މިއީ ރާއްޖެ ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި މެލޭޝިޔާއާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.