Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: މޮރޮކޯ-ކްރޮއޭޝިއާ

ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ސެމީފައިނަލުން ބަލިވި ދެ ޓީމު ކަމަށްވާ މޮރޮކޯ އާއި ކްރޮއޭޝިއާ އެވެ.

މޮރޮކޯ މުބާރާތުގެ ސެމީފައިނަލުން ބަލިވީ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އަތުން 2-0 އިންނެވެ. މުބާރާތުގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ ކްރޮއޭޝިއާ ސެމީގައި ބަލިވީ އާޖެންޓީނާ އަތުން 3-0 އިންނެވެ. މުބާރާތުގެ ތިންވަނަ ހޯދާ ޓީމަކަށް 27 މިލިއަން ޑޮލަރު ލިބޭނެ އެވެ. ހަތަރުވަނަ ހޯދާ ޓީމަށް ލިބޭނީ 25 މިލިއަން ޑޮލަރެވެ.

މުބާރާތުގެ ސެމީފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި މޮރޮކޯ އަކީ މިފަހަރުގެ މުބާރާތުގައި އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރުނު ޓީމެވެ. އެގޮތުން ސްޕެއިން އާއި ޕޯޗުގަލް ފަދަ ވަރުގަދަ ޓީމުތައް މުބާރާތުން ކަޓުވާލީ މޮރޮކޯ ކަމަށްވާއިރު ސެމީގައި ފްރާންސާއި ދެކޮޅަށް ވެސް އެޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް ފްރާންސް މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން މޮރޮކޯ އަށް ނުހިފުމަކީ ދިމާވި އެންމެ ބޮޑު އެއް މައްސަލަަ އެވެ. މުބާރާތުގެ ފައިނަލަށް ނުދެވުނު ނަމަވެސް މޮރޮކޯގެ މިހާރުގެ އަމާޒަކީ ސަޕޯޓަރުންނަށްޓަކާ މިރޭގެ މެޗުން މޮޅުވެ ބްރޯންޒް ނުވަތަ ރަންވަންލޯ މެޑަލްއާއެކު އެނބުރި ގައުމަށް ދިޔުމެވެ.

މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗެއްގައި ކްރޮއޭޝިއާ ކުޅޭ ފުރަތަމަ ފަހަރެވެ. އެފަހަރު 2-1 އިން ނެދަލޭންޑްސް ބަލިކުރުމަށްފަހު ކްރޮއޭޝިއާ ވަނީ ތިންވަނަ ހޯދާފަ އެވެ. ކުއާޓާފައިނަލްގައި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ހިމެނުނު ވަރުގަދަ ބްރެޒިލް ކަޓުވާލި ކްރޮއޭޝިއާގެ ފަރާތުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ސެމީގައި ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. މިއީ ކްރޮއޭޝިއާގެ ކެޕްޓަން އަދި ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗްގެ ފަހު ވޯލްޑް ކަޕަށް ވުމާއެކު މޮޅަކާއެކު މުބާރާތް ނިންމާލުމަށް ކްރޮއޭޝިއާ ޓީމު އޮތީ އަމާޒު ހިފާފަ އެވެ.

މޮރޮކޯ

މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއާ ދެކޮޅަށް މޮރޮކޯ ނިކުންނަ ދެވަނަ ފަހަރެވެ. މި ދެ ޓީމު މިފަހަރު ލައްވާލީ އެއް ގްރޫޕެއްގައި ކަމަށްވާއިރު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މުބާރާތުގެ އެންމެ ދުރަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޓީމެވެ. އެފްރިކާގެ ޓީމުތަކަށް މީގެކުރިން ވޯލްޑް ކަޕްގެ އެންމެ ދުރަށް ވެސް ދެވިފައިވަނީ ކުއާޓާފައިނަލާ ހިސާބަށެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން މޮރޮކޯގެ ކެޕްޓަން ރޮމައިން ސައިސް އަށް ނުކުޅެވޭނެ އެވެ. މި މެޗުގައި އާންމުކޮށް ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް މޮރޮކޯގެ ކޯޗު ބުނެފައިވެ އެވެ.

ކްރޮއޭޝިއާ

ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމުތަކާ ދެކޮޅަށް އެންމެފަހުން ކްރޮއޭޝިއާ ކުޅުނު ތިން މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ. އެ ތިން މެޗުގެ ތެރެއިން ދެ މެޗުން އެޓީމު މޮޅު ހޯދާފައިވާއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ ތިން މެޗުގައި ވެސް އެޓީމު ކޮޅަށް ގޯލެއް ވަދެފައެއް ނުވެ އެވެ.

އެންމެފަހުން ބޭއްވި 10 ވޯލްޑް ކަޕްގައި ވެސް މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކާމިޔާބުކޮށްފައިވަނީ ޔޫރަޕްގެ ޓީމުތަކުންނެވެ. ޔޫރަޕް ނޫން ޓީމަކަށް ތިންވަނަ ހޮވާ މެޗު އެންމެފަހުން ކާމިޔާބުކުރެވުނީ 1978 ވަނަ އަހަރު އެވެ. އެފަހަރު ބްރެޒިލުން ވަނީ 2-1 އިން އިޓަލީ ބަލިކޮށްފަ އެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ކްރޮއޭޝިއާގެ ހުނަރުވެރި މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗަށް ނުކުޅެވޭނެ އެވެ. އަދި އެޓީމުގެ ޒުވާން ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލްގެ ފަޔަށް އަނިޔާއެއް ލިބިފައިވީ ނަމަވެސް މި މެޗުގައި އޭނާ ކުޅޭނެ ކަމަށް ބެލެވެ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ކްރޮއޭޝިއާ އާއި މޮރޮކޯ ބައްދަލުކުރާ ތިންވަނަ މެޗު ކަމަށްވާއިރު އެންމެފަހުން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކުރީ ކްރޮއޭޝިއާ އިންނެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.