ފާއިތުވި ދުވަސްތަކުގައި ހުމާއި ރޯގާގެ އަސަރުކުރި ފްރާންސްގެ ކުޅުންތެރިން ބަލިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މާދަމާ ރޭ އާޖެންޓީނާއާ ދެކޮޅަށް ފްރާންސް ނިކުންނައިރު ހުމުގެ ސަބަބުން އިއްޔެ އެޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ބައެއް ކުޅުންތެރިން ބައިވެރިވެފައި ނުވެ އެވެ. އިއްޔެގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވަނީ ޑިފެންޑަރުން ކަމަށްވާ ރަފޭލް ވަރާން އާއި އިބްރާހިމާ ކޮނާޓޭ އާއި ތިއޯ ހަނާންޑޭޒްގެ އިތުރުން މިޑްފީލްޑަރު އައުރެލިއަން ޝުއާމީނީގެ އިތުރުން ކިންގްސްލީ ކޯމަން އެވެ.
ނަމަވެސް ފައިނަލްގެ ކުރިން ފްރާންސުން މިރޭ ބޭއްވި އެންމެފަހުގެ ފަރިތަކުރުންތަކުގައި މި ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވެފައިވެ އެވެ.
ހުމުގެ ސަބަބުން ސެމީފައިނަލްގައި ފްރާންސުން މޮރޮކޯ އަތުން 2-0 އިން މޮޅުވި މެޗުގައި އެޓީމުގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އަދި ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ކުޅެފައެއް ނުވެ އެވެ. އެ މެޗުގައި ރަބިއޯގެ ބަދަލުގައި ކުޅުނީ ޒުވާން މިޑްފީލްޑަރު ޔޫސޮފް ފޮފާނާ އެވެ. އަދި އުޕަމެކާނޯގެ ބަދަލުގައި ކުޅެން އެރުވީ ކޮނާޓޭ އެވެ.
ފްރާންސަކީ އެންމެފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަނުންްނެވެ.