މޮރޮކޯ 2-1 އިން ބަލިކުރުމަށްފަހު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ކްރޮއޭޝިއާ އިން ހޯދައިފި އެވެ.
މުބާރާތުގެ ތިންވަނަ ޓީމު ހޮވުމަށް ކުޅޭ މެޗު ހާއްސަ ވަނީ ސެމީ ފައިނަލުން ބަލިވި ދެ ޓީމަށެވެ. ފުރަތަމަ ސެމީ ފައިނަލުގައި ކްރޮއޭޝިއާ ބަލިވީ އާޖެންޓީނާ އަތުންނެވެ. ދެވަނަ ސެމީ ފައިނަލުގައި މޮރޮކޯ ބަލިވީ ފްރާންސް އަތުންނެވެ.
ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ހަތްވަނަ މިނެޓްގައި ޒުވާން ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލް ވަނީ ކްރޮއޭޝިއާ އަށް ލީޑު ނަގާދީފަ އެވެ. ގްވާޑިއޯލް މި ގޯލް ކާމިޔާބުކުރީ އިވާން ޕެރިސިޗް ދިން ޕާހަކުން މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ކްރޮއޭޝިއާ އިން ލީޑު ނެގިތާ ދެ މިނެޓްފަހުން އަޝްރަފް ޑާރީ ވަނީ މޮރޮކޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލަކީ ކްރޮއޭޝިއާގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ދިޔަ ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މިސްލާވް އޯސިޗް ވަނީ ކްރޮއޭޝިއާ ޓީމަށް އަލުން ލީޑު ނަގާދީފަ އެވެ. މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭ
ނަތީޖާ އެއްވަރުކުރަން މޮރޮކޯ އިން ދެވަނަ ހާފްގައި ކުރިއަށް ޖެހިލައިގެން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ނަތީޖާ އެއްވަރުކޮށްލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މޮރޮކޯގެ ފޯވާޑް އެން ނެސީރީ އަށް ކަމަށްވާއިރު އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ކްރޮއޭޝިއާގެ ގޯލްކީޕަރު ލިވާކޮވިޗް އެވެ.
މިއީ ވޯލްޑްކަޕްގެ ތިންވަނަ ހޮވާ މެޗުގައި ކްރޮއޭޝިއާ ކުޅުނު ދެވަނަ ފަހަރެވެ. އެގޮތުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗުގައި ކްރޮއޭޝިއާ އިން ވަނީ 2-1 އިން ނެދަލޭންޑްސް ބަލިކޮށްފަ އެވެ.