Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ވޯލްޑް ކަޕް ލިބުން އެންމެ ހައްގީ މެސީ އަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވުރެ ބޮޑަށް ލިބުން ހައްގު މީހެއް ނެތް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ އާޖެންޓީނާ އިން ފްރާންސާއި ދެކޮޅަށް ނިކުންނައިރު މިއީ މެސީ ކުޅޭ ދެވަނަ ވޯލްޑް ކަޕްގެ ފައިނަލެވެ. އެގޮތުން 2014 ގެ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ ވަނީ ޖަރުމަނު އަތުން 1-0 އިން ބަލިވެފަ އެވެ. މިއީ މެސީ ކުޅޭ ފަހު ވޯލްޑް ކަޕްކަން ވެސް ފާހަގަކޮށްލެވެ އެވެ.

މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ސްކަލޯނީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރަން ބޭނުންވަނީ އާޖެންޓީނާގެ ރައްޔިތުންނަށްޓަކާ ކަމަށާއި އަދި ވޯލްޑް ކަޕް ލިބުން މެސީ އަށް ވުރެ ހައްގު މީހަކު ނެތް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިރޭ ކޮންމެ ގޮތަކަށް ނަތީޖާ ނިކުތް ނަމަވެސް މެސީ އަށް ލިބިފައިވާ "ލެޖެންޑް" ގެ ލަގަބަށް ބަދަލެއް ނާންނާނެ ކަމަށްވެސް ކޯޗު ބުންޏެވެ.

ސްކަލޯނީ ބުނީ މިރޭގެ މެޗު ކާމިޔާބު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ޓީމުން ކުރާނެ ކަމަށެވެ. ފްރާންސަކީ މޮޅެތި ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޓީމެއް ކަމަށާއި ނަމަވެސް އެހެން ޓީމުތަކެކޭ އެއްގޮތަށް ފްރާންސް ޓީމުގައި ވެސް ބަލިފައިތައް ހުންނާނެ ކަމަށް ކޯޗު ބުންޏެވެ. އަދި މި މުބާރާތުގައި އާޖެންޓީނާ ކުޅެމުންދާ ފުޓްބޯޅަ މިރޭ ކުޅެފިނަމަ ފްރާންސަށް އުނދަގޫތަކެއް ކުރިމަތި ކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ނަމަވެސް ފްރާންސް ޓީމުގައި އިދިކޮޅު ޓީމަށް ނުރައްކާ ކުރެވޭނެ ގިނަ ކުޅުންތެރިންތަކެއް ތިބުމުން އެކަމާ މެދު ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށްވެސް އާޖެންޓީނާގެ ކޯޗު ބުނެފައިވެ އެވެ. އަދި މީގެކުރީގެ މެޗުތަކުގައި ވެސް ޓީމަށް ސަޕޯޓު ދިން ގޮތަށް މިރޭގެ މެޗުގައި ވެސް ސަޕޯޓު ދިނުމުގައި ދެމި ތިބުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.