Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެސީގެ ހުވަފެން ފުނޑުފުނޑު ކޮށްލަން ފްރާންސް ތައްޔާރު

ގިނަ މީހުންގެ އުއްމީދަކަށް ވާނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވޯލްޑް ކަޕް ހޯދުން ކަމަށާއި ނަމަވެސް މުބާރާތުގެ ތަށި ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ފްރާންސް އޮތީ ތައްޔާރަށް ކަމަށް އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.

ފްރާންސަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު، ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު އެންމެފަހުން ޓީމަކުން ހޯދީ 1962 ވަނަ އަހަރު އެވެ. އެއީ ބްރެޒިލް އެވެ.

މިރޭގެ މެޗަކީ އާޖެންޓީނާގެ ތަރި މެސީ އާއި ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭގެ ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާއިރު މިއީ މެސީ ކުޅޭނެ ފަހު ވޯލްޑް ކަޕްކަން ފާހަގަކޮށްލެވެ އެވެ.

ފައިނަލް މެޗުގެ ކުރިން ވާހަކަދައްކަމުން ޑެޝޯމްޕް ބުނީ ފްރާންސްގެ އަމާޒަކީ ތަށްޓާއެކު ދަނޑުން ފޭބުން ކަމަށާއި އާޖެންޓީނާގެ އިތުރުން ދުނިޔޭގެ ގިނަ ބަޔަކާއި އަދި ފްރާންސްގެ ބައެއް މީހުންގެ ވެސް އުއްމީދަކަށް ވާނީ މެސީ ތަށި ހޯދުން ކަމަށް ބެލެވޭ ކަމަށެވެ.

"އެކަމަކު އަހަރަމެންގެ އަމާޒު ހާސިލުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން." ޑެޝޯމްޕް ބުންޏެވެ.

މެސީ ވޯލްޑް ކަޕް ހޯދުމަކީ ދުނިޔޭގެ ގިނަ ބައެއްގެ އުއްމީދެއް ކަމަށް ޑެޝޯމްޕް ބުނިއިރު އޭނާ ވަނީ މި މެޗަށް ތައްޔާރުވާއިރު އިހުސާސް ކުރެވެނީ ދުނިޔޭގައި އެކަނިވެފައި ހުރި މީހެއްގެ އިހުސާސެއް ކަމަށާއި ނަމަވެސް އެކަމުގައި މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. އަދި މި މެޗަށް ނިކުންނައިރު އޭނާގެ އެއްވެސް ކަންބޮޑުވުމެއް އަދި ސްޓްރެސް ކަމެއް ވެސް ނެތް ކަމަށާއި މިފަދަ މެޗަކަށް ތައްޔާރުވާއިރު އެންމެ މުހިއްމީ މެޗަށް ފޯކަސް ކުރުން ކަމަށްވެސް 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ބުންޏެވެ.

ފައިނަލް މެޗަށް ތައްޔާރުވުމުގެ ތެރެއިން ފްރާންސްގެ ބައެއް ކުޅުންތެރިންނަށް ހުމާއި ރޯގާގެ އަސަރުކުރި ނަމަވެސް ފައިނަލްގެ ކުރިން އިއްޔެ އެޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވެފައިވެ އެވެ.