ކުރިއަށް އޮތް 20-15 އަހަރުތެރޭ އެފްރިކާގެ ޓީމަކުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް މޮރޮކޯގެ ކޯޗު ވާލިދް ރެގްރަގޫ ބުނެފި އެވެ.
ވޯލްޑް ކަޕްގައި މިފަހަރު ވާދަކުރި އެފްރިކާގެ ޓީމުތަކުގެ ތެރެއިން އެންމެ ދުރަށް ދިޔައީ މޮރޮކޯ އެވެ. މޮރޮކޯ އިން މުބާރާތުގެ ހަތަރުވަނަ ހޯދިއިރު މިއީ މިހާތަނަށް އެފްރިކާގެ ޓީމަކަށް މުބާރާތުގައި އެންމެ ދުރަށް ދެވުނު ފަހަރުވެސް މެ އެވެ.
ދެހާސް ސައްބީހުގެ ވޯލްޑް ކަޕުން ފެށިގެން މުބާރާތް 48 ޓީމަށް ފުޅާކުރުމަށް ހަމަޖެހިފައިވާއިރު އެފްރިކާ އަށް އޭރުން ޖުމްލަ 9 ޖާގަ ލިބޭނެ އެވެ. އެއީ މިހާރު ލިބޭ ވަރަށް ވުރެ ހަތަރު ޖާގަ އިތުރު އަދަދެކެވެ.
މޮރޮކޯގެ ކޯޗު ވާލިދް ބުނީ އެފްރިކާ އިން ބައިވެރިވާ 9 ޓީމާއެކު ގިނަ ކަންތައްތަކެއް އެފްރިކާގެ ޓީމުތަކަށް ދަސްވާނެ ކަމަށާއި ދަސްވި ކަންތައްތަކާއެކު ކުރިއަށް އޮތް 15 ނުވަތަ 20 އަހަރުތެރޭ އެފްރިކާގެ ޓީމެއް ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ ޓީމުން ސާބިތުކޮށްދިނީ ދުނިޔޭގެ އެންމެ މޮޅެތި ޓީމުތަކާ ދެކޮޅަށް ކުޅެން ވެސް އެފްރިކާ ފުޓްބޯޅަ ތައްޔާރަށް އޮތްކަން ކަމަށް ވާލިދް ބުންޏެވެ. އަދި މިފަހަރުގެ މުބާރާތުގައި މޮރޮކޯ ޓީމުން ހޯދި ކާމިޔާބީއާއެކު ދެން ހަތަރު އަހަރު ފަހުން ބާއްވާ ވޯލްޑް ކަޕްގައި އެޓީމަށް އޮންނާނެ ޕްރެޝަރު ބޮޑުވާނެކަން އެނގޭ ކަމަށާއި އަދި މީހުން އުއްމީދުކުރާ ކަންކަން ވެސް ގިނަ ވާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރަމެން ބޭނުން ވަނީ ދެން އޮންނަ މުބާރާތެއްގައި ވެސް ހަމަ މިކަން ތަކުރާރު ކުރަން. އެކަން ކުރުމަކީ ފަސޭހަ ކަމެއް ނޫން، އެކަމަކު އެއީ އަހަރަމެންގެ އަމާޒަކީ." ވާލިދް ބުންޏެވެ.
މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި މޮރޮކޯ ރޭ ވަނީ ކްރޮއޭޝިއާ އަތުން 2-1 އިން ބަލިވެފަ އެވެ.