Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ކްރޮއޭޝިއާ އިން މޮޑްރިޗް އަދިވެސް ފެންނާނެ

ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާ ކުރިއަށްދާން އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗް ނިންމައިފި އެވެ.

މޮޑްރިޗް ،37، އަކީ ކްރޮއޭޝިއާ ޓީމުގެ ކެޕްޓަން ކަމަށްވާއިރު މޮރޮކޯގެ މައްޗަށް 2-1 އިން ކުރި ހޯދާ ވޯލްޑް ކަޕްގެ ތިންވަނަ ރޭ ކްރޮއޭޝިއާ އިން ހޯދި މެޗުގައި އޭނާ ކުޅެފައިވެ އެވެ. މޮޑްރިޗް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އިން ކުޅުނު ހަތް މެޗުގައި ވެސް ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފަ އެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން މޮޑްރިޗް ބުނީ އަންނަ އަހަރު އޮންނަ ޔޫއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލާ ހިސާބަށް އޭނާ ގައުމީ ޓީމުން ފެންނާނެ ކަމަށާއި އޭގެ ފަހުން 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯގައި ކުޅުމާ މެދު ވިސްނާނެ ކަމަށެވެ. ނޭޝަންސް ލީގުގެ ސެމީގައި ކްރޮއޭޝިއާގެ އިތުރުން ދެން ވާދަކުރަނީ ނެދަލޭންޑްސް އާއި ސްޕެއިން އަދި އިޓަލީ އެވެ.

"އަހަރެން ބޭނުން ވަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަން. އަދިވެސް ގަބޫލުކުރަން އެންމެ މަތީ ފަންތީގައި ކުޅެވޭނެ ކަމަށް." މޮޑްރިޗް ބުންޏެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލް ކުޅޭނީ އަންނަ އަހަރުގެ ޖޫންގައި ކަމަށްވާއިރު އޭގެ ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތައް ކުޅެން ފަށާނެ އެވެ.

މޮޑްރިޗް ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 162 މެޗު ކުޅެދީ 23 ގޯލް ކާމިޔާބުކޮށްދީފަ އެވެ.