އިންގްލެންޑްގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުގައި މަޑުކުރަން ގެރެތް ސައުތްގޭޓް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިންގްލެންޑް ޓީމާއެކު ސައުތްގޭޓް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2024 ގައި ކަމަށްވާއިރު މިފަހަރުގެ ވޯލްޑް ކަޕަށްފަހު އޭނާ މަގާމުން އިސްތިއުފާ ދޭން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. މިފަހަރުގެ ވޯލްޑް ކަޕް އިންގްލެންޑުން ނިންމާލީ ކުއާޓާފައިނަލާ ހިސާބުންނެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންގްލެންޑް ކޯޗުކަމުގެ މަގާމުގައި ސައުތްގޭޓް މަޑުކުރަން ނިންމާފައިވާކަން އޭނާ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެގައުމުގެ ފުޓްބޯޅަ އިދާރާ އަށް އަންގާނެ އެވެ. އެއާއެކު 2024 ވަނަ އަހަރުގެ ޔޫރޯއާ ހަމައަށް ސައުތްގޭޓް މަގާމުގައި ދެމި ހުންނާނެ އެވެ.
ސައުތްގޭޓް އިންގްލެންޑް ޓީމުގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ އިންގްލެންޑް 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކުރިއިރު އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެސް ދަތުރުކޮށްފައިވެ އެވެ.
ވޯލްޑް ކަޕްގެ ކުރިން ކުޅުނު މެޗުތަކުގައި އިންގްލެންޑްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ސައުތްގޭޓަށް ފާޑުކިޔުން އަމާޒުވިއިރު ވޯލްޑް ކަޕްގައި އިންގްލެންޑުން ދެއްކި ކުޅުމަށް އެގައުމުގެ ފުޓްބޯޅަ އިދާރާގެ އިސްވެރިން ވަނީ ތައުރީފްކޮށްފަ އެވެ.
އިންގްލެންޑަށް ކުރިއަށް އޮތީ 2024 ވަނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތަކެވެ. ކޮލިފައިން ފަށާނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.