Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ފައިނަލް މެޗު ބަލަން ޕޮގްބާ ގަތަރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބެލުމަށް ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ ގަތަރަށް ގޮސްފި އެވެ.

މިރޭ ކުޅޭ ވޯލްޑް ކަޕްގެ ފައިނަލްގައި ބައްދަލުކުރާނީ ފްރާންސް އާއި އާޖެންޓީނާ އެވެ. ފްރާންސަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އާޖެންޓީނާ މިރޭ ނިކުންނަނީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަށެވެ.

އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕްގައި ޕޮގްބާ އަށް ކުޅެވޭ ގޮތް ނުވިއިރު އޭނާ އަކީ އެންމެފަހުން ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ފައިނަލް މެޗު ބަލަން ޕޮގްބާ ގަތަރަށް ގޮސްފައިވާއިރު އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވުނު ފްރާންސްގެ އެހެން ބައެއް ކުޅުންތެރިން ވެސް ފައިނަލް މެޗު ބަލަން ގަތަރަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފައިނަލް މެޗު ބައްލަވަން ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވެސް ގަތަރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. ސެމީފައިނަލްގައި ފްރާންސް ކުޅުނު މެޗު ބެއްލެވުމަށް ވެސް މެކްރޯން ގަތަރަށް ވަޑައިގެންނެވި އެވެ.

ފްރާންސަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު، ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު އެންމެފަހުން ޓީމަކުން ހޯދީ 1962 ވަނަ އަހަރު އެވެ. އެއީ ބްރެޒިލް އެވެ.