ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހޯދާ ޓީމަށް މިފަހަރު 42 މިލިއަން ޑޮލަރު ދޭން ފީފާ އިން ނިންމައިފި އެވެ.
ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ ބައްދަލު ކުރާނީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް އާއި ދެކުނު އެމެރިކާގެ ގަދަ ބާރު އާޖެންޓީނާ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި 32 ޓީމަށް ބެހުމަށް ފީފާ އިން ވަނީ 440 މިލިއަން ޑޮލަރު ކަނޑައަޅާފަ އެވެ. މިއީ ފީފާ އިން މިހާތަނަށް ފައިސާގެ އެންމެ ބޮޑު އަދަދެއް ކަނޑައެޅި ވޯލްޑް ކަޕެވެ.
އެގޮތުން މިރޭ ކުޅޭ ފައިނަލް މެޗުން މޮޅުވާ ޓީމަކަށް 42 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފަ އެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސަށް ލިބުނު އަދަދަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ. މުބާރާތުގެ ރަނަރަޕަށް ދިނުމަށް ހަމަޖެހިފައިވަނީ 30 މިލިއަން ޑޮލަރެވެ.
މުބާރާތުގެ ތިންވަނަ ހޯދި ޓީމަށް 27 މިލިއަން ޑޮލަރު ދީފައިވާއިރު ހަތަރުވަނަ ހޯދި ޓީމަށް ދީފައިވަނީ 25 މިލިއަން ޑޮލަރެވެ. އަދި މުބާރާތުގެ ކުއާޓާފައިނަލުން ބަލިވި ހަތަރު ޓީމަށް 17 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާއިރު ދެވަނަ ބުރުން ކެޓި ޓީމުތަކަށް ދީފައިވަނީ 13 މިލިއަން ޑޮލަރެވެ. ގްރޫޕް ސްޓޭޖުން ކެޓި ޓީމުތަކަށް ފީފާ އިން ވަނީ 9 މިލިއަން ޑޮލަރު ދީފަ އެވެ.
ޓީމުތަކަށް ލިބޭ ފައިސާ ކުޅުންތެރިންނަށް ބަހާނެ ޕަސެންޓް ކަނޑައަޅާނީ އެގައުމެއްގެ ފުޓްބޯޅަ އިދާރާއިންނެވެ. އެގޮތުން 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކޮށްގެން ލިބުނު 38 މިލިއަން ޑޮލަރުގެ ތެރެއިން 30 ޕަސެންޓް ދީފައިވަނީ ސީދާ ކުޅުންތެރިންނަށެވެ.