Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ވިކީ އާއި ޓްރިޕްތީގެ ފިލްމަށް ތާރީހެއް

ވިކީ ކޯޝަލާއި ޓްރިޕްތީ ދިމްރީގެ ޖޯޑު އެކީގައި ސްކްރީނަށް ގެންނަ ފިލްމަށް ތާރީހެއް ހަމަޖައްސައިފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ލިއޯ މީޑިއާ ކަލެކްޓިވް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ވެސް މި އަހަރުގެ މެދުތެރޭގައި އޮތީ ނިންމައިފަ އެވެ. އެކަމަކު މި ރޮމޭންޓިކް ކޮމެޑީގެ ނަން އަދި އިއުލާން ނުކުރެ އެވެ.

އާނަންދު ތިވާރީ ޑައިރެކްޓްކުރި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖުލައި 28 ގަ އެވެ. "ގޯ ގޯއާ ގޯން" އާއި "ކައިޓްސް" އަދި "އައިޝާ" ފަދަ ފިލްމުތަކުން ފެނިފައިވާ އާނަންދު އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އޮކްޓޯބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން މަދޫރީ ޑިކްސިޓްގެ "މަޖާ މާ" އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އާނަންދުގެ އާ ފިލްމުގެ ކާސްޓްގައި ރަންވީރު ސިންގްގެ "83" އާއި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގައި ކާސްޓްގައި ވެސް ހިމެނުނު ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ އައްމީ ވާކް ވެސް ހިމެނެ އެވެ.

މި ފިލްމުގައި އެމެޒޯން ޕްރައިމް ވީޑިއޯ ވެސް ހިއްސާވެ އެވެ.

ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ގޯވިންދާ ނާމް މޭރާ" އެވެ. ޓްރިޕްތީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 ގައި ނެޓްފްލިކްސް އަށް ގެނައި "ގަލާ" އެވެ.