އިރާންގައި ކުރިއަށްދާ މުޒާހަރާތަކަށް ހިތްވަރުދޭތީ އާއި ސަރުކާރަށް ފާޑުކިޔާތީ އެ ގައުމުގެ މަޝްހޫރު ބަތަލާ އަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ 2016 ގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބޭރު ފިލްމުގެ އެވޯޑް ވެސް ހޯދި "ދަ ސޭލްސްމޭން" ގެ ރޯލެއް ކުޅުނު ތަރާނޭ އަލިދޫސްތީ، 38، އެވެ.

އޭނަ ހައްޔަރުކުރީ ސަރުކާރަށް ދެކޮޅަށް ކުރަމުން އަންނަ މުޒާހަރަތަކަށް ހިތްވަރު ދިނުމުގެ އިތުރަށް، މުޒަހާރަކޮށްގެން ހައްޔަރުކުރި މީހަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދަންޖައްސައި މަރާލުމާ ގުޅިގެން އެކަމަށް ފާޑު ކިޔުމުންނެވެ.
އެގޮތުން ތަރާނޭގެ އިންސްޓަގްރާމްގައި އިރާންގެ ސަރުކާރުން މުޒާހަރާކުރާ މީހުން ހިފައި ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތައް ދީ، ހައްގަކާ ނުލައި މީހުންގެ މައްޗަށް ދައުވާކޮށް މަރުގެ ހުކުމް ވެސް އިއްވައި އެފަދަ ހުކުމްތައް ތަންފީޒު ކުރަމުންދާ އިރު، ބައިނަލްއަގިވާމީ ޖަމާއަތްތަކުން އެކަމާ އަޅާނުލައި ހިމޭނުން އޮންނާތީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މިފަދަ މޭރުންތަކުން ތަރާނޭ ވާހަކަ ދެއްކުމާ ގުޅިގެން އޭނަ ހައްޔަރުކުރީ ސާބިތު ނުހިފޭ ވާހަކަތައް ފަތުރާ ކަމަށް ބުނެ އެވެ. އަދި އަށް މިލިއަން ފޮލޯވަރުން ތިބި ތަރޭނާގެ އިންސްޓަގްރާމް އެކައުންޓް ވެސް ވަނީ ބޭނުން ނުކުރެވޭ ގޮތަށް ހަދައިފަ އެވެ.

ސެޕްޓެމްބަރުގައި 16 ގައި އިރާންގެ ފެށި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް އެތައް ބަޔަކު މަރުވެފައިވާ އިރު، އެތައް ބަޔަކު ހައްޔަރުކޮށް ތަފާތު އެތައް ދައުވާތަކެއް އުފުލާފައިވެ އެވެ. އަދި މުޒާހަރާކޮށްގެން ހައްޔަރުކުރި ދެ މީހަކަށް މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.
އިރާންގައި މުޒާހަރާތައް ފެށުނީ ފެށީ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ބުރުގާ ނާޅައި އުޅުމުން ފުލުހުން އޭނަ ހައްޔަރުކޮށް ދިން އަނިޔާތަކާ ގުޅިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވުމާ ގުޅިގެންނެވެ.