މިރޭ ގަތަރުގައި ކުޅޭ ވޯލްޑް ކަޕްގެ ފައިނަލް މެޗް ބަލަން ބޮލީވުޑްގެ ތަރި ކާތިކް އާރިއަން މިއަދު އެ ގައުމަށް ފުރައިފި އެވެ.
ފުޓްބޯޅަ އަށް ވަރަށް ލޯބިކުރާ އަދި އެ ކުޅިވަރު ކުޅޭ ޒުވާން އެކްޓަރު ވަނީ ގަތަރަށް ފުރިކަން ބޯޑިން ފާހާ އެކު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އޭގެ ކެޕްޝަނަކަށް 32 އަހަރުގެ އެކްޓަރު ލިޔެފައި އޮތީ "ފުޓްބޯޅަ އަކީ ޕެޝަނެއް" ކަމަށެވެ.
މިރޭ އާޖެންޓީނާ އާއި ފްރާންސް ކުޅޭ ފައިނަލް މެޗް ބަލަން ކާތިކް ގަތަރަށް ދިޔަ އިރު، ވޯލްޑް ކަޕްގެ ޓްރޮޕީ ދައްކައިލަން ބާއްވާ ހަފުލާގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ބައިވެރިވާނެ އެވެ. އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންނަށް ފީފާ އިން ލިބުނު ދައުވަތަކަށް ގަތަރަށް ފުރީ ހުކުރު ދުވަހުގެ ރޭގަ އެވެ.
ކާތިކް ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގައި ބެޗް ބަލަން ދިޔަ އިރު، އޭނަގެ ދެ ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ "ފްރެޑީ" އާއި "ބޫލް ބުލައްޔާ 2" އެވެ.