އަންނަ އަހަރުގެ ފެބްރުއަރީގައި ފްލައި ދުބާއީގެ ދަތުރުތަ އައްޑު ފަށާ އިރު، ހާއްސަ އޮފާއެއްގެ ދަށުން ދެކޮޅު ޓިކެޓް 450 ޑޮލަރު (6،925ރ.) އަށް ލިބޭނެ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އޭޖެންޓް، އޭސް ޓްރެވެލްސް އިން ބުނެފި އެވެ.
އެތަނުގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގް) ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިކަން ހިއްސާކުރައްވާފައިވެ އެވެ. އޭނަ ވިދާޅުވި ގޮތުގައި ފްލައި ދުބާއީގައި އައްޑު އަށް އަންނަ މީހުންނަށް ހުވަދު އަތޮޅާއި ފުވައްމުލަކަށް ވަރަށް ފަސޭހަކޮށް ކަނެކްޓިވިޓީ ވެސް ލިބޭނެ އެވެ. އެގޮތުން ފުވައްމުލަކަށް ކަނެކްޓިވިޓީ ދޭނީ ކަނޑުމަގުން އެމްޓީސީސީ އެވެ. އަދި ހުވަދު އަށް ކަނެކްޝަން ދޭނީ ގައުމީ އެއާލައިން މޯލްޑިވިއަނުން ކަމަށް ފިރާގް ވިދާޅުވި އެވެ.
ފްލައި ދުބާއީގެ ދަތުރުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށަން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 4 ގަ އެވެ. އެގޮތުން ސީދާ ދުބާއީ އިން ގަމަށް ހަފުތާގެ ކޮންމެ ދުވަހަކު ދަތުރެއް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. މިއާ އެކީ ފްލައި ދުބާއީ ވާނީ ގަމަށް ޝެޑިއުލް ދަތުރުކުރާ ދެވަނަ އެއާލައިނަށެވެ.
ގަމަށް މި ވަގުތު އުދުހޭ ހަމައެކަނި ޝެޑިއުލް އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސެވެ. އެ އެއާލައިނުން ހަފުތާ އަކު ދެ ދަތުރު ބާއްވަ އެވެ.