އަލަށް އުފަންވާ ކުއްޖެއް އުފަންވާތާ ހަތް ދުވަސް ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭ ގޮތަށް އޮތް، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނު ތަސްދީގު ކޮށްފިއެވެ.
އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތަކާއި، ދިވެހިރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
ދިވެހިރާއްޖެއިން ބޭރުގައި އުފަންވާ ކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި، އަދި ދިވެހިރާއްޖެއިން ބޭރުގައި މަރުވާ މީހުންގެ މަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނީ، އެ މީހަކު އުފަންވި ނުވަތަ މަރުވި ޤައުމެއްގެ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ލިޔެކިޔުމުގެ އަސްލެވެ.
މި ޤާނޫނުގައި ބުނެފައިވަނީ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލާޒިމުކުރާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ މައިންބަފައިން ނުވަތަ މައިންބަފައިން ނެތް ޙާލަތެއްގައި އެކަން ކުރުމަށް ޤާނޫނުން ލާޒިމުކުރާ އެހެން ފަރާތަކުން އެކަން ނުކޮށްފިނަމަ، އެކަން ނުކުރި ސަބަބަށް ރިޢާޔަތްކޮށް، 10000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރެވޭނެ ކަމަށެވެ.
މި ޤާނޫނަށް އަމަލުކުރަން ފެށުމުން ،ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ "ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ގަވާއިދު" އުވުނީއެވެ.