ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ޕިކްނިކް އައިލޭންޑް، ކުޑަގިރި ސާފު ކުރުމުގެ ހަރަކާތެއް ސިފައިން ފަށައިފި އެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ފެށި ސާފުކުރުމުގެ މަސައްކަތް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު
މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްްރިގޭޑިއަ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން މިއަދު ކުޑަގިރި އަށް ޒިޔާރަތްކުރެއްވި އެވެ.

މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ކުރިއަށް ގެންދާ ސާފު ކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގެ ސިފައިންނާއި އެމްޑީޔޫ 1، އެމްޑީޔޫ 2، އެމްޑީޔޫ 3، އެމްޑީޔޫ 4، އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެ އެވެ.

މި ހަރަކާތުގައި ކުޑަގިރީގެ މޫދު ސަރަހައްދާއި ރަށުތެރެ ސާފުކުރާނެ އެވެ.
ކުޑަގިރި ހުޅުވަން ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް އެތަން ހުޅުވާނެ ތާރީހެއް ސަރުކާރުން އަދިވެސް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނެފައިވެ އެވެ.

ކުޑަގިރި އަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށެކެވެ. މިއީ ލޯންޗެއްގައި މާލޭން 15 މިނިޓުން ދެވޭ ހިސާބުގައި އޮތް ރަށެކެވެ.